އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިހާބުވެވަޑައިގެންފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެގައުމަށް ފައިދާވާ ކަންކަމުގައި އަދި ދެގައުމުގެ ސުލްހައާއި ހަމަޖެހުމަށް އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންތިހާބުގެ ވޯޓު ގުނުން ނުނިމެނީސް މޯދީ ނިސްބަތްވެވަޑައިގަންނަވާ ވެރިކަންކުރާ ބީޖޭޕީއަށް ކާމިޔާބުވާނެ ކަމަށް ނަތީޖާއިން ދެއްކުމާއެކު އިންތިހާބުން ކާމިޔާބުވެވަޑައިގެންނެވިކަން އިއުލާންކުރައްވައިފައެވެ.
ވެރިކަން ކުރާ ބީޖޭޕީން އިންތިހާބު ކާމިޔާބުކުރި ނަމަވެސް، އިންޑިއާގެ ބޮޑެތި އަދި ބީޖޭޕީގެ ބާރުގަދަ ސަރަހައްދުތަކުން ގިނަ ގޮނޑިތަކެއް އިދިކޮޅަށް ލިބިފައެވެ. މިހާރުގެ ނަތީޖާއިން ދައްކާގޮތުގައި ބީޖޭޕީގެ ކޯލިޝަނަށް 267 ގޮނޑި ލިބިފައިވާ އިރު، އިދިކޮޅު ކޮންގްރެސް ޕާޓީގެ ކޯލިޝަނަށް ލިބިފައިވަނީ 199 ގޮނޑިއެވެ.
މިފަހަރުގެ އިންތިހާބަށް ބީޖޭޕީން ވަނީ 400 ގޮނޑި ކާމިޔާބުކޮށް ބޮޑު މެޖޯރިޓީއެއް ހޯދާނެ ކަމަށްބުނެ ވަރުގަދަ ކެމްޕޭނުތަކެއް ކޮށްފައެވެ. ނަމަވެސް މިފަހަރުގެ އިންތިހާބު ކާމިޔާބުކުރުމަށް ބީޖޭޕީއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. އިދިކޮޅުން ވެސް ގިނަ ގޮނޑިތަކެއް ނަގާފައިވުމުން ކުރިއަށްއޮތް ދައުރަކީ ބޮޑުވަޒީރު މޯދީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ދައުރެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ ކުރިން 2019ގެ އިންތިހާބު ބީޖޭޕީން ކާމިޔާބުކުރީ ބޮޑު ތަފާތަކުން ފަސޭހަކަމާއެކުއެވެ. އެފަހަރުގެ އިންތިހާބުގައި ބީޖޭޕީގެ ކޯލިޝަނުން 350 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކުރިއެވެ. އަދި އެފަހަރު އިދިކޮޅު ކޮންގްރެސް ޕާޓީގެ ކޯލިޝަނަށް ހޯދިފައިވަނީ 91 ގޮނޑިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު