މިދިޔަ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް"ގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ބޭނުންވެގެން ހުށަހަޅާފައިވާ މީހުންގެ ގުރު ނެގުން މިއަދު ދަރުބާރުގޭގައި ފަށައިފިއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަޅުފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން އެ ގޯތި ގުޅިފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި 2،210 މީހުން ގޯތި ބަދަލުކުރަން ހުށަހެޅިއެވެ.

ގުރުއަތުލުން މިއަދު މެންދުރުން ފެށިގެން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.

ހައުސިން މިނިސްޓްރީން ވަނީ ގުރުނެގުމުގައި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން އެ މީހެއްގެ ނަން އަމިއްލައަށް ގުރުނަގާ ފޮއްޓަށްލާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދީފައެވެ.

އެގޮތުން ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ މީހުން މިއަދު ހެނދުނު 9:00 އިން 10:00 ފުރުސަތު ވަނީ ދީފައެވެ. އަދި ގޯތި ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހަކަށް ހާޒިރު ނުވެވޭ ނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ނަމަ އެ މީހެއްގެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ފުރުސަތު ދިނެވެ. އަދި ބާކީ ތިބި މީހުންގެ ނަން ގުރުގައި ބައިވެރިވާ މީހުންގެ ހާޒިރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ގުރުނަގާ ފޮއްޓަށްލައެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމީ ގިރާވަރުފަޅުން ގޯތި ދޫކުރި އިރު، އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅައި ހުރުމުންނެވެ.

އެހެންވެ އެ ހިދުމަތްތަކަށް ބޭނުންވާ ބިންތަކާއެކު ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން ނިންމީއެވެ.

އެގޮތުން ގިރާވަރުފަޅުން ގުޅިފަޅަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ. ގޯތި ބަދަލުކުރަން ހުށަހެޅީ

  • 1250 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން 1093 މީހުން ގޯތި ބަދަލުކުރަން ހުށަހެޅި
  • 1650 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން 880 މީހުން ގޯތި ބަދަލުކުރަން ހުށަހެޅި
  • 2050 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން 234 މީހުން ގޯތި ބަދަލުކުރަން ހުށަހެޅި
  • 2450 އަކަފޫޓުގެ ގޯތިތަކުގެ ތެރެއިން ތިން މީހުން ގޯތި ބަދަލުކުރަން ހުށަހެޅި

މިނިސްޓްރީން ނިންމާފައިވަނީ 1250 އަކަފޫޓުގެ 193 ގޯއްޗާއި، 1650 އަކަފޫޓުގެ 663 ގޯއްޗާއި، 2050 އަކަފޫޓުގެ 487 ގޯއްޗާއި، 2450 އަކަފޫޓުގެ 4 ގޯތި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށެވެ. ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހެޅީ ގުޅީފަޅަށް ބަދަލުކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ކަމުގައިވާތީ އެފަރާތްތަކުގެ މެދުގައި ގުރުނެގުމެއް ނޯންނާނެއެވެ.

ކުރީގެ ސަރުކާރުގައި ހުޅުމާލެ 2، ހުޅުމާލެ 3، ގުޅިފަޅު، ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީވެސް ވަނީ ދޫކޮށްފައެވެ. އެއީ ހުޅުމާލެއިން 1،351 ގޯތި، ގުޅިފަޅުން 2،219 އަދި ގިރާވަރު ފަޅު ހިއްކައިގެން 5،433 ގޯއްޗެވެ.