އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ބިލު މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެމްޑީޕީގެ ފަރާތުން މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އިސްމާއީލެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނޫ"އަށް އިސްލާހު ގެނައުމަށެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރު ކުރުމަށެވެ.

އިމިގްރޭޝަން ގާނޫނުގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާއަށް ހުށަހެޅި އިސްލާހުގައި މީކާއީލް ބަޔާންކޮށްފައިވަނީ "އިޒެރޭލްގެ ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެތެރޭގައި އިޒްރޭލްގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންވެސް ހިމެނޭނެ،" ކަމަށެވެ.

އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގައިވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ.

މަޖިލީހުގެ ޖަލްސާގެ މާދަމާގެ އެޖެންޑާ މިހާރު އާންމުކޮށްފައިވާއިރު އެޖެންޑާގައިވާ ގޮތުން ރިޔާސަތުން އެޖެންޑާ އިއުލާނު ކުރުމަށްފަހު ދެން އޮންނާނީ މީކާއީލް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މީކާއީލް އެފަދަ އިސްލާހެއް ހުށަހަޅުއްވާފައިވާ އިރު، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ކެބިނެޓުން އިއްޔެ ނިންމައިފައިވާ ކަމަށެވެ.

އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުމެންގެ އޮބްޖެކްޓިވްއަކީ ދެންމެ ވެސް މި ފާހަގަކުރިހެން ވީ އެންމެ އަވަހަށް ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނަށް ބަދަލުތައް ގެނައުން." އިހުސާން ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ ފަރާތުން އެފަދަ އިސްލާހެއް މަޖިލީހަށް ހުށަހަޅާތީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މީކާއީލް ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ، އިޒްރޭލު ޕާސްޕޯޓް މަނާ ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހާއެކު ސަރުކާރުން ވެސް ކުރިއަށްދިއުން ކަމަށެވެ.

މީކާއިލް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓުގެ މައްސަލައިގައި ސަރުކާރުގެ ނިޔަތާ މެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށެވެ.

"މިހާރު މިކަން ކުރެވޭނެ ކަމެއްވެސް (އިޒްރޭލު ޕާސްޕޯޓް ބޭންކުރެވޭނެ ކަމެއްވެސް) އަޅުގަނޑުމެންނަށް ނޭނގެ. ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ނެތް. ނިޔަތަކީ އެކަން ކުރުން ކަމަކީ ކަމަށް ވަނީ ނަމަ" މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ޕީއެންސީގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލީހުން ކޮމިޓީ މަރުހަލާގައި ކޮންމެ ބަދަލެއްވެސް ގެނެވިދާނެ ކަމަށާއި އެހެންކަމުން އާ މައްސަލައެއް ހުށަހެޅުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އެދެނީ މިހާރު އޮތް މައްސަލައަށް ސަރުކާރުން ތާއީދުކޮށް، އިޒްރޭލު ޕާސްޕޯޓް އަވަހަށް ބޭން ކުރެވޭ ގޮތްވުން ކަމަށް އޭނާ ވިދާޅުވިއެވެ.