ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިރޭ ކުޅުނު މެޗުތަކާއެކު އައުޓްރީފް އެސްސީއަށް ގްރޫޕް ސީގެ އެއްވަނަ ޔަގީންވި އިރު، ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ވައްޓަފާޅި އެސްސީ ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މިރޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެ، މާދަމާ ރޭ ކުއާޓާ ފައިނަލަށް ތައްޔާރުވެފައިވާ އިރު، އައުޓްރީފް އެސްސީން އެއްވަނަ ޔަގީންކުރީ 15-1 އިން ބެސްޓް ބޯއީޒް ބަލިކޮށްގެންނެވެ.
އައުޓްރީފްގެ އަލީ ޝާމިސް (ތޮއްޕެ) އާއި އިސްމާއީލް ވަޖީހު (ވައްޖެ)، ކޮންމެ ކުޅުންތެރިޔަކު މެޗުގައި ހަތަރު ގޯލު ޖެހި އިރު، ކެޕްޓަން އަލީ ޝިޔާހު (ޝިޔާ) ވެސް ވަނީ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި މެޗުގައި އަލީ ހުމޭޒު ދެ ގޯލު ޖެހި އިރު، އަހުމަދު ވިޖުދާން ވެސް ވަނީ ގޯލެއް ޖަހައިފައެވެ.
ބެސްޓް ބޯއީޒްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ޖެހީ މުޖުތާޒު އަލީއެވެ.
ވައްޓަފާޅި އެސްސީން ކުއާޓާ ޔަގީންކުރީ މިރޭ ކުޅުނު މެޗުގައި 6-0 އިން ސޭންޑްސް އޮފް ލާމު ބަލިކޮށްގެންނެވެ. މެޗުގައި ވައްޓަފާޅި އެސްސީގެ ސަހީމް އަބްދުލް ގާދިރު (މެސީ) ހެޓްރިކް ހެދި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އިބްރާހީމް ނަސްއަތު އަދި އަހުމަދު އައިހަމް (އައިހު) އެވެ. ނަސްއަތު މެޗުގައި ދެ ގޯލު ޖެހިއެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް