ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ގްރޫޕް ސްޓޭޖުގައި އިއްޔެ ހަވީރު ކުޅުނު މެޗުތައް ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ބީޖީއެސްސީ) އާއި ރަސްހިންނެ އެސްސީން ކާމިޔާބު ކޮށްފިއެވެ.

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.

އިއްޔެ ހަވީރު ފުރަތަމަ ކުޅެފައި ވަނީ ގްރޫޕް ޑީގެ ފަހު މެޗެވެ. އެ ގްރޫޕުގައި އިއްޔެ ބީޖީއެސްސީން ރަސްހިންނެ ނިއު ޖެނެރޭޝަނާ ދެކޮޅަށް ނުކުތް އިރު، އެ މެޗު ބީޖީއެސްސީން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ، އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބީޖީއެސްސީން ކުއާޓާއަށް ގޮސްފައިވާ އިރު، ގްރޫޕްގެ އެއްވަނަ ލިބިފައި ވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއަށެވެ. އެއީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕްގައި ބީޖީއެސްސީއާއި މުންޑުއަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ.

އިއްޔެގެ މެޗުގައި ބީޖީއެސްސީގެ ގޯލުތައް ޖެހީ އަހުމަދު ވިޝާހާއި މުހައްމަދު ޒިދާން އީސާ، މުހައްމަދު އަދުހަމް އަދި މުސްލިމް މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ވިޝާހެވެ. ރަސްހިންނެ ނިއު ޖެނެރޭޝަންގެ ގޯލުތައް ޖެހީ އަލީ ވިރާޝް އަދި މުހައްމަދު އިޒްމީލެވެ.

އިއްޔެ ހަވީރު ދެން ކުޅުނީ ގްރޫޕް އޭގެ މެޗެކެވެ. އެ މެޗުގައި ރަސްހިންނެ އެސްސީން ވަނީ ކިއު އެމް ސްޕޯޓްސް އެކަޑެމީ ކައިރިން 8-2 ގެ ނަތީޖާއަކުން މޮޅުވެ، ގްރޫޕް ސްޓޭޖުގެ ތިން މެޗުވެސް ކާމިޔާބު ކޮށްފައެވެ. އެ ގްރޫޕްގެ އެއްވަނަ ރަސްހިންނެ އެސްސީން ޔަގީންކުރި އިރު، ދެން އެގްރޫޕުން ކުއާޓާއަށް ދާ ޓީމު އެނގޭނީ މިއަދު ވައްޓަފާޅި ސްޕޯޓްސް ކްލަބާއި ސޭންޑްސް އޮފް ލާމު ވާދަކުރާ މެޗުންނެވެ. ކިއުއެމްއަކަށް ދެން އިތުރު މެޗެއް، އަދި ކުއާޓާގެ ފުރުސަތެއްވެސް ނޯންނާނެއެވެ.

ރަސްހިންނެ އެސްސީގެ ގޯލުތައް މެޗުގައި ޖެހީ ހުސައިން އަޒުމީ، ސާމިން މުހައްމަދު ނަސީރު، އަބްދުﷲ ޝާފިއު (ޝާއްޕެ)ގެ އިތުރުން ހަސަން ޝިހުބާން، އަހުމަދު ހަލީމް އަދި މުހައްމަދު ސާބިގު (އުއްކު) އެވެ. ސާމިން އަދ ޝާއްޕެ ކޮންމެ ކުޅުންތެރިޔަކު މެޗުގައި ދެ ގޯލު ޖެހިއެވެ، މެޗުގެ މޮޅު ކުޅުންތެރިޔަކީ ސާމިންއެވެ.

ކިއުއެމްގެ ގޯލުތައް އިއްޔެ މެޗުގައި ޖެހީ އަހުމަދު ޝާމިޒާއި އަހުމަދު އަމަން އަލީއެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.