ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ރާއްޖޭގައި ކޮންމެ އަހަރަކު 150 މީހުން މަރުވާ ކަމަށް ވޯލްޑް ހެލްތު އޯގަނިޒޭޝަން (ޑަބްލިޔުއެޗްއޯ)ން އަންދާޒާ ކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއ)ން ބުނެފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ދުންފަތު އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން އެޗްޕީއޭން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖެއަށް އަހަރަކު 400 މިލިއަން ސިނގިރޭޓް ނުވަތަ 1.8 ބިލިއަން ރުފިޔާގެ ސިނގިރޭޓް އިމްޕޯޓް ކުރާ ކަމަށެވެ. އަދި އީ ސިނގިރޭޓާއި ޝީޝާ އެތެރެކުރުމަށް އެތައް ލައްކަ ރުފިޔާއެއް ހޭދަކުރާ އިރު، ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާ ކުރުމަށް އާސަންދައިން ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތައް ތަހައްމަލުކުރާ ޒުވާނުންގެ އާބާދީ ބޮޑުވުމުން އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އުފެއްދުންތެރި ކަމަށާއި ތަރައްގީ އަދި އިގުތިސޯދަށް ކުރާނެ ކަމަށެވެ.
"ރާއްޖޭގައި އެވްރެޖުކޮށް ކޮންމެ އަހަރަކު 150 މީހުން ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންދާޒާކުރެ އެވެ. ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަކީ ވޭންދެނިވި އަދި ދިގު މުއްދަތުގެ ބަލިތަކެވެ. އެހެންކަމުން ބަލި މީހާ އާއި އާއިލާތަކުން އެތައް ހިތްދަތިކަމަކާއި ވޭންތަކެއް ތަހައްމަލު ކުރަންޖެހޭ،" އެޗްޕީއޭއިން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދަނީ ކުޑަކުދިންނާއި ޒުވާނުންގެ ސަމާލުކަން ލިބޭ ގޮތްގޮތަށް އީ ސިނގިރޭޓް އަދި ނިކޮޓިކް ޕައުޗް އިސްތިހާރު ކުރަމުން ކަމަށެވެ 15 އަހަރާއި 16 އަހަރުގެ ކުދިންގެ ތެރެއިން މަދުވެގެން 37 މިލިއަން ކުދިންނަކީ ކޮންމެ ވެސް ވައްތަރެއްގެ ދުންފަތެއް ބޭނުންކުރަމުންދާ ކުދިން ކަމަށް އެޗްޕީއޭއިން ބުންޏެވެ.
"ދިވެހިރާއްޖޭގައިވެސް ފުރާވަރު ކުދިންނާ ޒުވާނުންގެ މެދުގައި މިފަދަ ބާވަތްތައް ބޭނުންކުރުން އާންމުވެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުން،" އެޗްޕީއޭން ބުންޏެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ބޭރުކުރާ ދުމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް ދުމަށް ހުށަހެޅުމުގެ ސަބަބުން ތަފާތު ގެއްލުން ލިބެމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮ ކަމަށް ހުރަސްއެޅޭ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމުގެ 99 ޕަސަންޓް އޮންނަ އިރު، ދުންފަތުގެ ސަބަބުން ގައިންގަޔަށް ނާރާ އެހެން ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެއީ ސްޓްރޯކް، ހިތުގެ ބަލި، ފުއްޕާމެ އަދި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހަކުރު ބަލި ކަމަށް ވެދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި ދުންފަތުގެ ސަބަބުން ޓީބީ ޖެހުމަށް މަގުފަހިކޮށްދީ ދަރިން ނުލިބުމުގެ މައްސަލަތަކަށް ހޯދާ ފަރުވާގެ ފައިދާ އެންމެ ރަނގަޅަށް ލިބުމަށް ހުރަސްއެޅިގެންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މީގެ އިތުރުން ބައިގެން ދިއުމާއި އުފަންވާއިރު އައިބު ހުރުން އަދި އުފަންވުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުމާއި ތުއްތު ދަރިފުޅަށް ނޭވާ ހިއްލުން ފަދަ ކަންތައްތައް ދިމާވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު