ކ. މާފުށި ޖަލުގެ އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 9:12 ހާއިރު މާފުށީ ޕޮލިހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކުރީ މާފުށީ ޖަލު ކައިރިން ހުއްޓުވައި ބަލައި ފާސްކުރި އިރު، ބަރުދަނުގައި 38.4 ގުރާމުގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.