ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިރޭ ކުޅުނު ގްރޫޕް ޑީގެ މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ބޮޑު ތަފާތަކުން ރަސްހިންނެ ނިއު ޖެނެރޭޝަން ބަލިކޮށްފިއެވެ.
ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ޖުމުލަ 15 ޓީމަކުން ވާދަކުރަމުންދާ އިރު، މެޗުތައް ކުރިއަށް ދަނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ. މިރޭ ކުޅުނު މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން 8-1 ގެ ނަތީޖާއަކުން ރަސްހިންނެ ނިއު ޖެނެރޭޝަން ބަލިކުރި އިރު، އެ މޮޅާއެކު މުންޑޫ ޒުވާނުންގެ ޖަމިއްޔާއަށް ވަނީ ކުއާޓާ ފައިނަލް ޔަގީންވެފައެވެ.
އެ ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި ބީޖީއެސްސީ ވާދަކުރި މެޗު ގޯލެއް ނުޖެހި އެއްވަރުވުމުން މިހާރު އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. އެ ގްރޫޕްގައި ތިން ޓީމެއް ހިމެނޭ އިރު، ދެން މުންޑޫ ޒުވާނުންގެ ޖަމިއްޔާއަށް މެޗެއް ނޯންނާނެއެވެ. ދެން އެ ގްރޫޕުން ކުއާޓާއަށް ދާ ދެވަނަ ޓީމު އެނގޭނީ ރަސްހިންނެ ނިއު ޖެނެރޭޝަނާއި ބީޖީއެސްސީ ވާދަކުރާ މެޗުންނެވެ. އެ މެޗުން އެއްވަރު ވެގެންވެސް ބީޖީއެސްސީއަށް ކުއާޓާ ޔަގީންކުރުމަށް ފުރުސަތު އޮންނާނެއެވެ.
މިރޭ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އަށް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އާދަމް ޝަހީމް (އާނާ) އެވެ، ދެން އެޓީމަށް ގޯލުތައް ޖެހީ މުހައްމަދު ޒީދާނާއި އިބްރާހީމް އިނާސު، ލޫތު އަހުމަދު އަދި ހުސައިން ފަޔާޒެވެ.
ރަސްހިންނެ ނިއު ޖެނެރޭޝަންގެ ހަމައެކަނި ގޯލު ޖެހީ އަލީ ވިރާޝްއެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
16:15 ފޮއެމަތި އެސްސީ - އައުޓްރީފް އެސްސީ
17:15 ކިންގް އެސްސީ - ޔުނައިޓެޑް އައުޓްރީފް
20:15 ވައްޓަފާޅި އެސްސީ - ކިއުއެމް ސްޕޯޓްސް އެކަޑެމީ
21:15 ބެސްޓް ބޯއީޒް - ޖީޖީއެސްސީ
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް