މި ވަގުތު އަނިޔާގައި ހުރި ބާސެލޯނާގެ މިޑްފީލްޑަރު، ފްރޭންކީ ޑި ޔޯންގްވެސް ހިމަނައިގެން ނެދަލޭންޑްސް އިން ޔޫރޯ 2024 އަށް ސްކޮޑު އިއުލާންކޮށްފިއެވެ.
ނެދަލޭންޑްސް އިން ޔޫރޯއަށް އިއްޔެ އިއުލާން ކުރީ 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑެކެވެ. އެ ސްކޮޑުގައި ޑި ޔޯންގް ހިމަނާފައިވާ އިރު، އޭނާ މިދިޔަ މަހެއްހާ ދުވަހުވެސް ކުޅެފައެއް ނުވެއެވެ. އެއީ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި ކޯޗު ރޮނާލްޑް ކޫމަން ޑި ޔޯންގް ސްކޮޑަށް ނެގީ އަނިޔާ އިން ރިކަވާ ވާނެ ކަމަށް ބާސާގެ މެޑިކަލް ޓީމާއި ނެދަލޭންޑްސްގެ މެޑިކަލް ޓީމުން ލަފާ ދިނުމުންނެވެ.
ނެދަލޭންޑްސްގެ ސްކޮޑުގައި ހިމެނުނު އިތުރު ތަރިންގެ ތެރޭގައި ލިވަޕޫލްގެ ތިން ކުޅުންތެރިން ފާހަގަކޮށްލެވެއެވެ. އެއީ ކެޕްޓަން ވާޖިލް ވެން ޑައިކާއި ކޯޑީ ގަކްޕޯ އަދި މިޑްފީލްޑަރު ރަޔާން ގްރަވެންބާޗެވެ. އޭގެ އިތުރުން މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ނޭތަން އަކޭއާއި ބަޔާން މިއުނިކްގެ ސެންޓަ ބެކް، މެތިއަސް ޑެ ލިހްޓް އަދި ޓޮޓެންހަމްގައި ރަނގަޅު ކުޅުމެއް މި ސީޒަނުގައި ދެއްކި މިކީ ވެން ޑެ ވެން އަށްވެސް ކޯޗު ކޫމަން ވަނީ ޖާގަ ދީފައެވެ.
ބްރޫޝިއާ ޑޯޓްމަންޑްގެ ފޯވަޑް ޑޮންޔެލް މާލެންވެސް ސްކޮޑަށް ނަގާފައިވާ އިރު، ސްކޮޑުން ފުރުސަތު ނުލިބުނު ޑޯޓްމަންޑްގެ ކުޅުންތެރިޔަކީ ޗެލްސީގެ ލޯނެއްގައި ހުރި އިއާން މާޓްސަންއެވެ. އޭގެ އިތުރުން އެޓަލާންޓާ މިޑްފީލްޑަރު މާޓެން ޑި ރޫންވެސް ސްކޮޑުގައި ނުހިމެނެއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ނެދަލޭންޑްސް އިން ޔޫރޯގެ ކުރިން އެކުވެރިކަމުގެ ދެ މެޗު ކުޅޭނެއެވެ. އެއީ ކެނެޑާއާއި އައިސްލޭންޑާ ދެކޮޅަށެވެ.
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް