ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި ރޭ ކުޅުނު ދެ މެޗުވެސް އެއްވަރު ވެގެން ނިމިއްޖެއެވެ.
އެފްއެމްއެސްސީ ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިފަހަރު 15 ޓީމަކުން ވާދަކުރެއެވެ. އިއްޔެ ހަވީރާއި ރޭ ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައެވެ. ރޭ ތާވަލުގައި ގްރޫޕް ސްޓޭޖުގެ ތިން މެޗެއް ކުޅެން އޮތް ނަމަވެސް، ރޭ ކުޅެން އޮތް ފަހު މެޗު، ވިއްސާރަވުމުގެ ސަބަބުން ވަނީ މިއަދު ހަވީރު 4:15 އަށް ފަސްކޮށްފައެވެ. އެއީ ފޮއެމަތި އެސްސީއާއި ބެސްޓް ބޯއީޒް ވާދަކުރަން އޮތް މެޗެވެ.
ރޭގެ ފުރަތަމަ މެޗު ފެނިގެން ދިޔައީ ވާދަވެރިކޮށެވެ. ގްރޫޕް އޭގެ ސޭންޑްސް އޮފް ލާމާއި ކިއުއެމް ސްޕޯޓްސް އެކަޑެމީ ވާދަކޮށް، 1-1 އިން މެޗުވީ އެއްވަރެވެ. ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ކިއުއެމް އިންނެވެ. އެ ގޯލު ޖެހީ އަހުމަދު ޝާމިޒެވެ. އެ ގޯލާއެކު މެޗުގެ ބޮޑު ބައެއްގައި ކިއުއެމް އިން ލީޑު ހިފެހެއްޓި ނަމަވެސް، ސޭންޑްސް އޮފް ލާމުން ވަނީ މެޗު ނިމެން ދަނިކޮށް ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމުގެ ގޯލު ޖެހީ އަހުމަފު ފިރާޝެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކިއެއެމްގެ މޫސާ މުހައްމަދެވެ.
ރޭ ގްރޫޕް ޑީގައި ކުޅުނު މެޗުގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި ހިތަދޫ ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބު (ބީޖީއެސްސީ) އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ބޯ ވާރޭގައި ކުޅުނު އެ މެޗުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، އެ ފުރުސަތު ބޭކާރު ވެގެންދިޔައެވެ. ހާއްސަކޮށް ވާރޭގެ ސަބަބުން ކުޅެގަންނަން ދެ ޓީމަށްވެސް އުނދަގޫވިއެވެ.
މުންޑޫ ޒުވާނުންގެ ޖަމިއްޔާއާއި ބީޖީއެސްސީ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިޔަކީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އާދަމް ޝަހީމް (އާނާ) އެވެ.
އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމަށް މި އަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
- 16:15 ފޮއެމަތި އެސްސީ - ބެސްޓް ބޯއީޒް
- 17:00 ރަސްހިންނެ އެސްސީ - ސޭންޑްސް އޮފް ލާމު
- 20:15 އައުޓްރީފް އެސްސީ - ޖީޖީއެސްސީ
- 21:15 ޔުނައިޓެޑް އައުޓްރީފް - އަމިގޯސް އެސްސީ
- 22:15 މުންޑޫ ޒުވާނުންގެ ޖަމިއްޔާ - ރަސްހިންނެ ނިއު ޖެނެރޭޝަން
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް