ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 ގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކިންގް ސްޕޯޓްސް ކްލަބުން އަފޭން ބަލިކޮށްފިއެވެ.

މިއަހަރުގެ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރާ އިރު، މިއަދު ހަވީރު ކުޅުނީ ގްރޫޕް ބީގެ ފުރަތަމަ މެޗެވެ. އެ މެޗުގައި ކިންގް އެސްސީން އަފޭން ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ކިންގް އެސްސީން ގޯލެއް ޖަހައި ލީޑު ނަގާފައި އޮތް އިރު، މެޗުގައި ދެން ފެނިގެން ދިޔަ އަނެއް ގޯލުތައް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. ކިންގް އެސްސީގެ ގޯލުތައް މެޗުގައި ޖަހައިދިނީ މޫސާ ހާނިމް އާއި އަހުމަދު މުފީދު އަދި ޝިޔާން ޝާފިއުއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ހާނިމް ވަނީ ދެ ގޯލު ޖަހައިފައެވެ. އޭނާގެ އިތުރުން މުފީދުވެސް ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.

އަފޭންގެ ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖަހައިދިނީ އާދަމް ވަޖީހެވެ. އަނެއް ގޯލަކީ ކިންގް އެސްސީގެ އަބުދުﷲ ފަރީސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެފްއެމްސީން ވަނީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމަށް މިއަހަރުވެސް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ. މުބާރާތުގައި ނަން މަޝްހޫރު ތަރިން ފެނިގެންދާ އިރު، ގްރޫޕް ސްޓޭޖުވެސް ފޯރިގަދަވާނެއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް" އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.

  • 20:15 ސޭންޑްސް އޮފް ލާމު - ކިއުއެމް ސްޕޯޓްސް އެކަޑެމީ
  • 21:15 މުންޑޫ ޒުވާނުންގެ ޖަމިއްޔާ - ބީޖީއެސްސީ
  • 22:15 ފޮއިމަތި އެސްސީ - ބެސްޓް ބޯއީސް