ޗެމްޕިއަންޝިޕް ޕްލޭ އޮފް ފައިނަލުގައި ލީޑްސް ބަލިކޮށް، ސައުތުހެމްޓަން އިން އަންނަ ސީޒަނުގެ ޕްރިމިއާ ލީގު ފުޓްބޯޅަ ޔަގީންކޮށްފިއެވެ.

އިނގިރޭސި ފުޓުބޯޅައިގެ އެންމެ އަގުބޮޑު މެޗު ރޭ ސައުތުހެމްޓަން އިން ވެމްބްލީގައި ކާމިޔާބުކުރީ 1-0 އިން ލީޑްސް ބަލިކޮށްގެންނެވެ. ސައުތުހެމްޓަން ރޭގެ މެޗުން މޮޅުވުމާއެކު ޕްރިމިއާ ލީގުގެ ޖާގަ އަކާއެކު އެ ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 140 މިލިއަން ޕައުންޑް ޔަގީންވެފައެވެ.

ސައުތުހެމްޓަން އިން އެނބުރި ޕްރިމިއާ ލީގަށް އަންނަނީ އެންމެ ސީޒަނަކަށްފަހުއެވެ. މިދިޔަ ސީޒަނުގެ ކުރިން 11 އަހަރު ވަންދެން ސައުތުހެމްޓަން އިން ޕްރިމިއާ ލީގުގައި ކުޅެފައިވެއެވެ. މި ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ހަތަރު ވަނަ ސައުތުހެމްޓަން ލިބުނު އިރު، ލީޑްސް ލީގުގައި ނިންމާލީ އެ ޓީމަށްވުރެ ކުރިން ތިންވަނައިގައެވެ. ފުރަތަމަ ދެ މަގާމު ޔަގީންކޮށް، ލީގުން ސީދާ ކޮލިފައިވީ އިޕްސްވިޗާއި ލެސްޓާ ސިޓީއެވެ. ދެވަނަ ޑިވިޝަންގެ ޗެމްޕިއަނަކީ މި އަހަރު ލެސްޓާ ސިޓީއެވެ.

ރޭ ސައުތުހެމްޓަން އިން ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖެހީ އެޑަމް އާމްސްޓްރޯންގެވެ. ވިލް ސްމޯލްބޯންގެ ޕާހުން އާމްސްޓްރޯން ގޯލު ޖެހީ ހިތްގައިމު ނިންމާލުމަކުންނެވެ.

އޭގެފަހުން ލީޑްސް އިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ އިރު، ޑެނިއަލް ޖޭމްސް ޖެހި ބޯޅައެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.

ލީޑްސްއަށް އަނެއްކާވެސް ދެވަނަ ޑިވިޝަނުގައި ކުޅެން ޖެހިފައިވާ އިރު، އެ ޓީމުން އެންމެފަހުން ވެމްބްލީގައި ކުޅުނު ތިން ފައިނަލުންވެސް ވީ ބައްޔެވެ. އަދި މިހާތަނަށް އެކްލަބުން ޕްލޭ އޮފް ގައި ކުޅުނު ހަ ފަހަރުވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.