ލ. އަތޮޅުގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތް، ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024 އަށް ކުރަމުން އައި އިންތިޒާރު ނިމުމަކަށް އައިސްފިއެވެ. ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ ފުޓްސަލްގެ ބޮޑު އީދު، މިރޭ ފަށާނެއެވެ. މުބާރާތުގެ ކުރިންވެސް ފެންނަނީ ވާދަވެރިކަމެވެ. ތައްޓަށް ކުރަމުންދާ މަސައްކަތްތަކެވެ. ތަށީގެ ރޭސް ހަމަ ޔަގީނުންވެސް އިންތިހާއަށް ފޯރިގަދައެވެ. ވަރުގަދަ ތަރިންގެ ޓީމުތައް އެބަ އޮތެވެ. މިހާރުގެ އެންމެ ނަން މަޝްހޫރު ތަރިންނުން ފެށިގެން ގޮސް، އަލީ އަޝްފާގު (ދަގަނޑޭ) ފަދަ ލެޖެންޑުންވެސް މުބާރާތުން ފެންނާނެއެވެ. ރާއްޖޭގެ ފުޓުބޯޅައިގައި ލ. އަތޮޅު ދުށް އެންމެ މޮޅު ހުނަރުވެރިންވެސް މުބާރާތުން ފެންނާނެއެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރެއެވެ. ލ. އަތޮޅުގެ އެކި ސަރަހައްދުތަކުންނެވެ. ލ. ގަމުންނާއި ފޮނަދޫގެ އިތުރުން މުންޑޫ އަދި ހިތަދޫންވެސް ޓީމުތައް މުބާރާތުގައި ބައިވެރިވެފައިވެއެވެ. މިރޭ ފަށާ ގްރޫޕް ސްޓޭޖު ނިމޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން ކުއާޓާގެ މެޗުތައް ތިންވަނަ ދުވަހުގެ ރޭ އޮންނަ އިރު، ސެމީ އޮންނާނީ ފަސްވަނަ ދުވަހުގެ ރޭގައެވެ. މި އަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު ހަތްވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.

  • ގްރޫޕް އޭ: ރަސްހިންނަ އެސްސީ، ވައްޓަފާޅި އެސްސީ، ސޭންޑްސް އޮފް ލާމު، ކިއުއެމް ސްޕޯޓްސް ކްލަބު
  • ގްރޫޕް ބީ: ކިންގް އެސްސީ، އަފޭން، ޔުނައިޓެޑް އައުޓްރީފް، އަމިގޯސް އެސްސީ
  • ގްރޫޕް ސީ: ފޮއެމަތި އެސްސީ، ބެސްޓް ބޯއީޒް، އައުޓްރީފް އެސްސީ، ޖީޖީއެސްސީ
  • ގްރޫޕް ޑީ: މުންޑޫ ޒުވާނުންގެ ޖަމިއްޔާ، ރަސްހިންނަ ނިއު ޖެނެރޭޝަން، ބީޖީއެސްސީ
  • ރޭގެ ގުރު ނެގުމުގެ އިވެންޓުގެ ތެރެއިން --- ފޮޓޯ/ އެފްއެމްއެސްސީ

މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ވަނީ ނިންމައިފައެވެ. މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފަސްވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ކިންގުންގެ ވާދަވެރިކަމާއި ތަށީގެ ވާދަވެރިކަންވެސް ފެނުނީ ތަފާތު ރޫހެއްގައެވެ. އެ މަންޒަރު މި ފަހަރު މުބާރާތުންވެސް ފެންނާނެކަން ޔަގީނެވެ. އެ މަންޒަރަށް ޓީމުތައް އޮތީ ފައްކާވެފައެވެ. ސްކޮޑުތައް އިއުލާނުކުރުމާއި ހަމައިންވެސް ވާދަވެރިކަން ސާފެވެ. ހުސައިން ޝަރީފް (އޮންލީ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަލީ ޝިޔާހު (ޝިޔާ)، ދަގަނޑޭގެ އިތުރުން މުހައްމަދު އުމައިރު، ހުސައިން ނިހާން (ނިހާޓް)އާއި މިދިޔަ އަހަރުގެ ކިންގް ސާމިން މުހައްމަދު ނަސީރު އަދި އަބްދުﷲ ޖުނައިދު (ޖޭނޭ)އާއި ހުސައިން ނާޝިދު (ނާއްޓޯ) ފަދަ ތަރިން ޓީމުތަކުން ފާހަގަކުރެވެއެވެ.

މުބާރާތް މިހާތަނަށް ކާމިޔާބު ކުރުމުގެ ޝަރަފު ހޯދުނު ޓީމުތައް މަދެވެ. ފުރަތަމަ 2019 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ ލެކްރޯސް ސްޕޯޓްސް ކްލަބެވެ. އެ ނަން މި ފަހަރުގެ މުބާރާތުން ނުފެނުނު ނަމަވެސް، އެއީ ތަށި ދެ ފަހަރަށް ހޯދި ހަމައެކަނި ޓީމެވެ. އެންމެ ފުރަތަމަ ފަހަރު މުބާރާތުގެ ކިންގަކީ ލެކްރޯސްގެ އަލީ ހާފިޒް (ހާއްޕެ) އެވެ. ދެން ޖެހިގެން އައި މުބާރާތުގައި، 2021 ވަނަ އަހަރު ލެކްރޯސް އިން ތަށި ދިފާއުކޮށް އެ ޝަރަފު ހޯދިއެވެ. އެ ފަހަރު ރަސްކަމަށް އެރީ ހުސައިން ޝަރީފް (އޮންލީ) އެވެ. 2022 ވަނަ އަހަރު މުބާރާތުގެ ތަށި ނެގީ ކަންމަތި ސްޕޯޓްސް ކްލަބުންނެވެ. އެ ތައްޓާއެކު ކިންގުގެ ތާޖު އަނެއްކާވެސް އެޅީ ހާއްޕެއެވެ. ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ތަށި މިދިޔަ އަހަރު ނެގީ ގޯޅި އެސްސީއެވެ. އެންމެފަހުގެ ކިންގަކީ ސާމިންއެވެ.

ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.