އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ކުރީގެ ރައީސް އަބުދުﷲ ޔާމީން ހަދައިފައިވާ އެއްބަސްވުމެއްގެ ދަށުން އެސްކްރޯ އެކައުންޓެއްގައި ޔާމީން ބަހައްޓައިފައި ހުރި އެއް މިލިއަން ޑޮލަރު ހޯދުމަށް އެމަނިކުފާނު ދައުވާ ކުރައްވާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭސީސީން ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން 2018 ވަނަ އަހަރު ވަނީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރު ތަހުގީގު ނިމެންދެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓައިފައެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެ މަނިކުފާނުގެ މައްޗަށް ސާބިތުނުވާތީ، އެ އެއް މިލިއަން ޑޮލަރު ހޯއްދެއްވުމަށް ޔާމީން ވަނީ ބީއެމްއެލްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފައެވެ.

ޔާމީންގެ ފަރާތްޕުޅުން އެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުއްވުމުން، ދައުވާއަށް ޖަވާބުދާރީވަމުން ބީއެމްއެލްގެ ފަރާތުން ވަނީ ބޭންކާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ އިޖުރާއީ ނުކުތާއެއް ނަގައިފައެވެ. ނަމަވެސް އެ އިޖުރާއީ ނުކުތާ ބަލައި ނުގަނެ ސިވިލް ކޯޓުން ނިންމައިފައި ވަނީ ބީއެމްއެލްއާ ދެކޮޅަށް ޔާމީނަށް ދައުވާ ކުރެވޭނެ ކަމަށެވެ. ސިވިލް ކޯޓުގެ އެ ނިންމުން ބީއެމްއެލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ބީއެމްއެލުން ހައި ކޯޓުގައި އެދުނީ ސިވިލް ކޯޓުގެ އެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އެ މައްސަލައިގައި އަމްރުގެ ރައުޔުގައި ވިދާޅުވީ ހައި ކޯޓުން މައްސަލަ ނިންމުމުގެ ނިމުމުގެ ކުރިން ސިވިލް ކޯޓުން މައްސަލަ ނިމިއްޖެނަމަ ހައި ކޯޓުން ކުރާ ހުކުމުގެ ބޭނުން ކެނޑިގެން ދިއުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރެނުދީފިނަމަ ބީއެމްއެލްއަށް ލިބޭ ގެއްލުން ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިސް ފަނޑިޔާރުގެ އެ ރައުޔަށް ފަނޑިޔާރު ފާތިމަތު ފަރްހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިސް ފަނޑިޔާރު ކުރެއްވި އަމުރުގައި ވިދާޅުވީ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓަށް ޔާމީން ހުށަހަޅައިފައިވާ ޝަރީއަތް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.