ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އޮފީހަށް ފުލުހުން މިއަދު ވަދެއްޖެއެެވެ.
އެ އޮފީހަށް ފުލުހުން ވަދެފައިވަނީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަަކަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ކޯޓު އަމުރުގައި ބުނާގޮތުން، ފުލުހުން ހެކީގެ ގޮތުގައި ފުލުހުން ހޯދަމުންދާ ތަކެތީގެ ތެރޭގައި ބޭންކުތަކާއި ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ހިމެނެއެވެ. އަދި އެ މުއާމަލާތްތަކާ ގުޅޭ ޕޭމަންޓް ރަސީދުތަކާއި މައުލޫމާތު ރައްކާކުރެވޭ ހާޑްޑްރައިވް ފަދަ ވަސީލަތްތަކާއި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅޭ ލިޔެކިޔުންތައްވެސް ހިމެނެއެވެ.
ފުލުހުން މިއަދު ގަލޮޅު ދަނޑުގައި ހުރި އެފްއޭއެމްގެ އޮފީހަށް ވަދެފައިވާއިރު، ޕީޖީ އޮފީހުން މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ބުނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ)ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެހެންވެ އޭނާގެ މައްޗަށް ހިޔާނާތުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ.
އެ ކުށް ސާބިތުވެއްޖެ ނަމަ ބައްސާމްގެ މައްޗަށް އެއް އަހަރާއި ހަތްމަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ ޕީފާއިން ދިން ޑޮލަރު އޭނާގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރުމަށް ފަހު އޭގެ ތެރެއިން 1،910 ޑޮލަރު 2 ސެޕްޓެމްބަރު 2018 ވަނަ ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް، ބައްސާމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ކަންކަމަށް ބޭނުންކޮށްފައިވާތީ އާއި އެ ފައިސާގެ ތެރެއިން 2،000 ޑޮލަރު 5 ސެޕްޓެމްބަރު 2018 ބަނަ ދުވަހު ބައްސާމް ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފްލެޓުގެ ކުލި ދެއްކުމަށް ބޭނުންކޮށްފައިވާތީ އާއި އެފްއޭއެމުން އޭނާގެ އެކައުންޓަށް ޖަމާކުރި ފައިސާ އެކި އަދަދުތަކުން އެކި މީހުންނަށް ފޮނުވައި، އެފްއޭމްއެމްއާ ގުޅުމެއް ނެތް ކަންކަމަށް އެ ފައިސާ ހަރަދުކޮށް އެ ފައިސާ އޭނާގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީން ބުނެފައިވެއެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ކުރާނެ ހުކުމަކީ 100،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ފަސް އަހަރާއު 15 އަރަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު