މާލޭ ގެސްޓް ހައުސްއެއްގެ ތެރޭގައި ނޭޕާލްގެ މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި އެކަކުގެ ބަންދަށް 10 ދުވަސް ޖަހައިފއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިއްޔެ ބުނެފައިވަނީ މާފަންނުގައި ހުންނަ އެ ގެސްޓް ހައުސް ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ނޭޕާލް މީހާގެ ހަށިގަނޑުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. އަދި އެ މީހާގެ ހާލު ރަނގަޅު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޭގެ ތެރެއިން އެކަކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ދޫކޮށްލައިފައެވެ.

ހައްޔަރުގައި ހުރި ބިދޭސީ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން ވަނީ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.