މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުގައި ހުރި އެރިކް ޓެން ހާގު މިރޭގެ އެފްއޭ ކަޕްގެ ފައިނަލަށްފަހު މަގާމުން ދުރުކުރާނެ ކަމަށް ނޫސްތައް ބުނެފިއެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ދަ ގާޑިއަންއިން ބުނެފައި ވަނީ މިރޭގެ ފައިނަލުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، ޓެން ހާގު މަގާމުން ވަކިކުރަން ޔުނައިޓެޑްގެ މެނޭޖުމަންޓުން ނިންމާފައިވާ ކަމަށެވެ. އެ ހަބަރަށް އިތުބާރުކޮށް، އެއީ ތެދެއް ކަމަށް ވަރަށް ގިނަ އިތުރު ނޫސްތަކުންވެސް ވަނީ އެ ވާހަކަ ރިޕޯޓު ކޮށްފައެވެ.
ބީބީސީ ސްޕޯޓްސްއިން ބުނެފައި ވަނީ ޓެން ހާގާ މެދު ޔުނައިޓެޑްގެ ބޯޑުން ކޮންމެ ގޮތަކަށް ނިންމާފައި އޮތް ނަމަވެސް، މިދިޔަ ދުވަސްތަކުގައި ބޯޑުން ޓެން ހާގާ ބައްދަލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ޓެން ހާގަށް އެއްވެސް ހަބަރެއް އަދި ދީފައި ނުވާ ކަމަށްވެސް ބީބީސީ ސްޕޯޓްސްއިން ބުނެއެވެ.
އެ ވާހަކައާ ގުޅިގެން ވާހަކަ ދައްކުވަން މީޑިއާއިން ސުވާލުކުރުމުން ޓެން ހާގު ބުނެފައި ވަނީ އެކަމަށް ޖަވާބެއް ދޭން ބޭނުންނުވާ ކަމަށެވެ. އަދި ޔުނައިޓެޑަށް ކިޔާ ފާޑުތަކަށް ޓެން ހާގު ވަނީ ޕްރެސްގައި ރައްދު ދީފައެވެ.
ޓެން ހާގު ބުނީ ބޮޑެތި މީޑިއާތަކާއި ޕަންޑިތުންވެސް އެންމެ ގިނައިން ޔުނައިޓެޑަށް ފާޑު ކިޔަނީ، އެއީ މަގުބޫލުކަން ހޯދަން ފަސޭހައަކަށް ކަމަށެވެ. ޔުނައިޓެޑަކީ އެންމެ ސަޕޯޓަރުން ގިނަ ކުލަބަށްވުމުން ޔުނައިޓެޑަށް ކިޔާ ފާޑުން ދުނިޔޭގެ ސަމާލުކަން ލިބޭ ކަމަށް ޓެން ހާގު ބުންޏެވެ.
ޔުނައިޓެޑަށް މި ސީޒަނުގެ ލީގު މާޔޫސްކޮށް ނިމިގެން ގޮސްފައިވާ އިރު، ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ މިރޭގެ އެފްއޭ ކަޕް ފައިނަލުގައި ބަލިކޮށްގެން ނޫނީ އަންނަ ސީޒަނުގައި ޔޫރަޕް ފުޓުބޯޅަ ކުޅެވޭކަށް ނެތެވެ. އެހެންކަމުން މިރޭގެ ފައިނަލަށް ބޮޑަށް ޕްރެޝަރުވެފައި އޮތީ ޔުނައިޓެޑަށެވެ.
މީގެ ކުރިންވެސް އެފްއޭ ކަޕްގެ ފައިނަލަކަށްފަހު ޔުނައިޓެޑުން ވަނީ ކޯޗެއް ފޮނުވާލައިފައެވެ. 2016 ވަނަ އަހަރު ޔުނައިޓެޑުން އެފްއޭ ކަޕް ފައިނަލުގައި ކްރިސްޓަލް ޕެލެސް ބަލިކުރިތާ 24 ގަޑިއިރު ފަހުން އޭރު ކޯޗަކަށް ހުރި ލުއީ ވެން ހާލް އެޓީމުން ބޭރު ކުރިއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް