ފްރާންސްގެ ރެކޯޑް ގޯލު ޖެހުންތެރިޔާ އޮލިވިއޭ ޖިރޫ، ކުރިއަށް އޮތް ޔޫރޯ 2024 އަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

އޭސީ މިލާންގެ ފޯވަޑް ޖިރޫ، ފްރާންސަށް ކުޅުނު 131 މެޗުގައި 57 ގޯލު ޖަހާފައިވެއެވެ. އެއީ ރެކޯޑެކެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްވެސް ފްރާންސާއެކު ހޯދި ޖިރޫގެ ފަހަތުން ފްރާންސަށް ދެވަނައަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ތިއެރީ އޮންރީ ޖަހާފައިވަނީ 123 ގޯލެވެ. ގައުމީ ޓީމުގެ ގޯލު ލިސްޓްގެ ތިންވަނައިގައި މިހާރު އޮތީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 77 ގޯލު ޖަހައިދީފައެވެ.

ޖިރޫ ފްރާންސްގެ ނޫހަކަށް ބުނީ މިއީ ޔޫރޯއަކީ ގައުމީ ޓީމާއެކު ކުޅޭ އެންމެ ފަހު މުބާރާތް ކަމަށާއި ގައުމީ ޓީމަށް ކުޅުމުގެ ހަނދާންތައް އަބަދުވެސް ހުންނާނެ ކަމަށެވެ. ގައުމީ ޓީމަށް ޒުވާން ކުޅުންތެރިން ނުކުންނަން ފުރުސަތު ދޭނެ ކަމަށާއި އަބަދުވެސް ތަޖުރިބާ ހުރި ބައެއް ކުޅުންތެރިންނާއެކު ޒުވާން ކުޅުންތެރިން ކުރިއަށް ނެރެން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ނެގި އިރު، ޓީމުގައި ޖިރޫ މުހިންމު ރޯލެއް އަދާކުރި ނަމަވެސް، އޭނާ އެ މުބާރާތް ނިންމާލީ ގޯލެއް ނުޖަހައި، ގޯލަށް އަމާޒުކޮށް ޝޮޓެއްވެސް ފުރިހަމަ ނުކޮށެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖިރޫ ވަނީ ފްރާންސަށް ހަތަރު ގޯލު ޖަހައިދީފައެވެ.

ބެލެވޭ ގޮތުގައި އުމުރުން 37 އަހަރު ޖިރޫ، މި ސީޒަނަށްފަހު އޭސީ މިލާންވެސް ދޫކޮށްލާނެއެވެ. މި ސީޒަނުގެ ނިޔަލަށް އޭނާ މިލާނާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އެއްބަސްވުން އިތުރަށް އާ ނުކުރާނެ ކަމަށް ބެލެވެއެވެ.