ބާސެލޯނާގެ ކޯޗު ކަމުގައި ހުރި ސްޕެއިންގެ ލެޖެންޑް، ޒަވީ ހެނާންޑޭޒް މަގާމުން ދުރުކޮށްފިއެވެ.
ބާސާއަށް މި ފަހަރުގެ ލީގުގައި އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ސީޒަނުގެ ތެރެއިން ޒަވީ ވަނީ މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެ ކަމަށްވެސް ބުނެފައެވެ. މި އަހަރުގެ ޖެނުއަރީ މަހު ތެރޭގައި ޒަވީ ބުނީ ހުރިހާ އެންމެންވެސް މިހާރު ބޭނުންވަނީ އޭނާ ކްލަބު ދޫކޮށްލަން ކަމަށާއި މީޑިއާއަށްވެސް ހިތްހަމަޖެހުމެއް ލިބޭނީ އޭރުން ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ކްލަބުގައި މަޑުކުރަން ޒަވީ ފަހުން ނިންމިއެވެ.
އެ ނިންމުން ނިންމާފައި އޮތް ނަމަވެސް، ޒަވީގެ ކުރިމަގަށް ގޮތެއް ނިންމަން ބާސާގެ ބޯޑުން ވަނީ ބޭނުންވެފައެވެ. ބާސާގެ ރައީސް ޖޮއާން ލަޕޯޓާ، ޒަވީ މަޑުކުރުވަން ބޭނުންވި ނަމަވެސް ބޯޑުން އެކަން ގަބޫލުނުކޮށް ނިންމީ ޒަވީ ފޮނުވާލާށެވެ. މިއަދު ބާސާ އިން ވަނީ އެ ނިންމުން ނިންމައި އިއުލާންކޮށްފައެވެ.
ބާސާގައި ކުޅުންތެރިއެއްގެ ގޮތުގައި 25 ތަށި ހޯދި ޒަވީ، އެ ކްލަބުގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުއެވެ. އެއީ މާ ބޮޑު ތަޖުރިބާއެއް ނެތިއެވެ. ބާސާގެ ކުރިން ޒަވީ ކޯޗުކަން ކޮށްދިނީ ގަތަރުގެ އަލް ސާދަށެވެ. ބާސާއަށް އައިސް ފުރަތަމަ ސީޒަނުގައި ޒަވީ ލީގު ހޯދި ނަމަވެސް، އޭނާއަށް އެ ކާމިޔާބީ މި ސީޒަނުގައި ތަކުރާރެއް ނުކުރެވުނެވެ.
ބާސާއިން ޒަވީ ވަކިކޮށް، ކޯޗުކަން ހަވާލުކުރަން ނިންމާފައި ވަނީ ޖަރުމަނު ގައުމީ ޓީމްގެ ކުރީގެ ކޯޗު ހާންސީ ފްލިކާއެވެ. ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްތަކުގައި މުހިއްމު ކާމިޔާބީތަކެއް ހޯދައިފައެވެ.
އެގޮތުން ފްލިކް ބަޔާނާއެކު ދެފަހަރަށް ލީގު ހޯދި އިރު، 2020 ވަނަ އަހަރު ޓްރެބަލްވެސް ހޯދިއެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ