ރާއްޖެ އިން އެންމެ ފުރަތަމަ އޮލިމްޕިކަށް ކޮލިފައިވި އެތުލީޓްގެ ޝަރަފު ހޯދައި، ރާއްޖޭގެ ތާރީހު ބަދަލުކޮށްލި ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ދިރާގުގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.
އުމުރުން އެންމެ 16 އަހަރުގައި ދީމާ އޮލިމްޕިކްސް ކޮލިފިކޭޝަން ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީ ލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.
ދީމާގެ އެ ޝަރަފާއެކު ރާއްޖެ އިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ އިރު، ދިރާގުން އެމްބެސެޑަރަކަށް އޭނާ ހަމަޖެއްސީ އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ދީމާއާ އެމްބެސެޑާޝިޕް ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދެވެ.
މިއަދުގެ ހަފުލާގައި ދިރާގުގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގުގެ އެމްބެސެޑަރަކަށް ދީމާ ވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. ދީމާއަކީ ގައުމުގެ ފަހުރު އެކަނި ނޫން ކަމަށާއި ދީމާއަކީ އަރަމުން އަންނަ އެތައް ޒުވާން ކުދިންނަށް ހިތްވަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަފުލާގައި ދީމާ ބުނީ ރާއްޖޭގެ ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ވުމަކީ ލިބުނު އުފަލެއް ކަމަށާއި ރާއްޖޭގެ އެއް ނަންބަރު ނެޓްވޯކުން ދިން އެ ފުރުސަތައް އުފާކުރާ ކަމަށެވެ. ހާއްސަކޮށް ދިރާގުގެ އާއިލާގެ ފަރާތުން ލިބޭ ހިތްވަރާއި ސަޕޯޓަށް އަބަދުވެސް ޝުކުރު އަދާކުރާ ކަމަށް ދީމާ ބުންޏެވެ.
ދިރާގަކީ ރާއްޖޭގެ އެތުލީޓުންނާ ގާތުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ. މީގެ ކުރިންވެސް ދިރާގުން ވަނީ ލެޖެންޑަރީ ބައެއް އެތުލީޓުންނާއި މަގުބޫލު ތަފާތު ފަރާތްތަކާއެކު އެމްބެސެޑާޝިޕް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ އަލް މަރުހޫމް އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ) އާއި ރާޅާ އެޅުންތެރިޔާ އިބްރާހީމް އަރީފް، އަބްދުލް ގަފޫރު އަލީ (ގައްބެ)، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އަދި ޒޫނާ ނަސީމް (ޒޫންޓި) ވެސް ހިމެނެއެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު