ދިރާގުން އިސްނަގައިގެން ކުރިއަށްގެންދާ ރާއްޖޭގެ އެންމެ ބޮޑު އީ-ސްޕޯޓްސް އިވެންޓް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) މިރޭ ކަލާފާނު ސްކޫލުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މިފަހަރުގެ މުބާރާތުގައި 2،000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން ބައިވެރިވާ އިރު، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އިވެންޓް ނިމޭނީ 28 ނޮވެންބަރުގައެވެ. ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކުރާ މި ހަރަކާތަށް ކޮންމެ މީހަކަށްވެސް ހިލޭ ވަދެވޭނެއެވެ. ޖުމްލަ 150،000 ރުފިޔާގެ ފައިސާގެ އިނާމު މި އަހަރުގެ މުބާރާތުގައި ހިމެނެއެވެ.
މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަކުރެވޭ މި މުބާރާތުގައި ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް، އަދި ރޮކެޓް ލީގް ފައިނަލް މެޗުތައް ހިމެނެއެވެ. އީއޭ ސްޕޯޓްސް އެފްސީ 27 އާއި ޓެކެންގެ މުބާރާތުގައި ބައިވެރިވެވޭނެ ގޮތުގެ ތަފުސީލު ވަރަށް އަވަހަށް އިއުލާނުކުރެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ޑީއެމްޖީސީގައި ވާދަވެރި މެޗުތަކުގެ އިތުރުން ވާޗުއަލް ރިއަލިޓީ، ރޭސިން ސިމިއުލޭޓާ އަދި "ޑަންޖަންސް އެންޑް ޑްރެގަންސް" ފަދަ ޓޭބަލްޓޮޕް ގޭމްތައް ތަޖުރިބާކޮށްލެވޭ ގޮތް ހަމަޖެހިފައިވެއެވެ.
މިދިޔަ އަހަރުގެ ޑީއެމްޖީސީގައި ރާއްޖޭގެ އެކި ހިސާބުތަކުން 1،500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާ އިރު، ޑީޖީޖީން ދަނީ މުޅި ރާއްޖޭގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު https://dgg.mv މެދުވެރިކޮށް ލިބޭނެއެވެ.
ކޮމެންޓް