މުޖުތަމައަށް ހެޔޮ ބަދަލުތައް ގެނައުމަށް ދިރާގުން ހިންގާ އިޖުތިމާއީ ޒިންމާގެ ޕްރޮގްރާމްތައް ފާހަގަކޮށް، އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގެ ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް ދިރާގަށް ލިބިއްޖެއެވެ.

މި އެވޯޑަކީ އިޖުތިމާއީ ޒިންމާއަށް ހާއްސަ ސަމާލުކަމެއްދީ، ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތައް ކުރާ ކުންފުނިތައް ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިފަހަރު އެވޯޑް ދިނުމުގައި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ހޭލުންތެރިކަމުގެ މައްޗަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.

ދިރާގުން ބުނި ގޮތުގައި، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ ޖަމިއްޔާތަކާ ގުޅިގެން މެދުކެނޑުމެއް ނެތި ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން، ޝާމިލު މުޖުތަމައެއް ބިނާކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ވެސް މި އެވޯޑް ދިނުމުގައި ބެލެވިފައިވެއެވެ.

ޑިޖިޓަލް އިންކްލޫޝަނާއި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި، ތިމާވެށީގެ ހިމާޔަތަކީ ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްގެ މައިގަނޑު ދާއިރާތަކެވެ. ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމުގައި ވިޔަފާރިތަކުން އިސްނެގޭނެ ގޮތްތައް ދައްކައިދިނުމުގައި ދިރާގުން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.