ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މިއަހަރު ވެސް ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފިއެވެ.

މި ސެޓިފިކޭޝަނަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކެއް ހަމަވާ ކުންފުނިތަކަށް ދެވޭ ހާއްސަ ސެޓިފިކޭޝަނެކެވެ. "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ ނަމުގައި ހިންގާ ސާވޭއެއް މެދުވެރިކޮށް، މުވައްޒަފުން ކުންފުންޏަށް ކުރާ އިތުބާރާއި އިހުތިރާމާއި ފަހުރުވެރިވާ މިންވަރު ވަޒަންކޮށް، އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް މި ސެޓިފިކޭޝަން ދެއެވެ.

ދިރާގުގެ ހިއުމަން ރިސޯސް ޑިރެކްޓަރު އަޒްހާ ޒަމީރު ވިދާޅުވީ ޖެހިޖެހިގެން ދެވަނަ އަހަރު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓްފިކެޓް ލިބުމަކީ، ދިރާގުގެ އެންމެހައި މުވައްޒަފުންގެ ބައިވެރިވުމާއެކު ބިނާކޮށްފައިވާ ހަރުދަނާ މަސައްކަތުގެ މާހައުލު އެގޮތުގައި ދެމެހެއްޓި، އިތުރަށް ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް ކަމަށެވެ. އަދި މި ސަގާފަތް ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމުގެ އިތުރުން އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދިރާގުގެ މުވައްޒަފަކަށް ވީތީ ފަހުރުވެރިވާ ފަދަ ވެއްޓެއް ގާއިމުކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ. އަދި، މި ސަގާފަތް ދެމެހެއްޓުމުގައި ދިރާގުގެ މުވައްޒަފުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ، މި ލިބުނު ކާމިޔާބީގެ މައްޗަށް ބިނާކޮށް، ކުރިއަށްއޮތް ތަނުގައިވެސް މި ހަރުދަނާ މިންގަނޑުތައް ހިފަހައްޓައި، މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަށާއި، މުވައްޒަފުންގެ ކުރިއެރުމާއި ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ދެމިތިބުން،" އަޒްހާ ވިދާޅުވިއެވެ.

ދިރާގުގެ މުވައްޒަފުންގެ 99.9 އިންސައްތައަކީ ދިވެހިން ކަމަށްވާ އިރު، އެ ކުންފުނިން ދަނީ މުވައްޒަފުންގެ ކުރިއެރުމާއި ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޕްރޮގްރާމްތައް ހިންގައި، ލީޑާޝިޕް ޑިވެލޮޕްމަންޓާއި ވޯކް-ލައިފް ބެލެންސަށް އިސްކަންދީގެން މަސައްކަތުގެ މާހައުލު ތަރައްގީކުރަމުންނެވެ.