ރޭ ޑަބްލިންގެ އަވީވާ ސްޓޭޑިއަމްގައި ކުޅުނު ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލާންޓާއިން ބަޔާން ލެވަކޫސަން ބަލިކޮށްފިއެވެ.

ރޭގެ ފައިނަލުގައި އެޓަލާޓްޓާއިން ލެވަކޫސަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެޓަލާންޓާއިން ޔޫރަޕްގައި ކުޅުނު ފުރަތަމަ ފައިނަލުގައި ތަށި ހޯދާފައިވާ އިރު، ރޭގެ ތަށްޓަކީ 61 އަހަރު ފަހުން އެކްލަބަށް ލިބުނު ފުރަތަމަ ތަށްޓެވެ. އަދި އެޓަލާންޓާއިން ރޭ ތަށި ނެގީ، މި ސީޒަނުގައި މިހާތަނަށް ބަލިވެފައި ނުވާ ޖަރުމަނުގެ ޗެމްޕިއަން ލެވަކޫސަން ބަލިކޮށްފައެވެ. ލެވަކޫސަން ރޭގެ މެޗަށް ނުކުތީ ބަލިނުވެ، ރެކޯޑު 51 މެޗަށްފަހުއެވެ.

ލެވަކޫސަން ކޮޅަށް މެޗުގެ 12 ވަނަ މިނެޓުގައި އަޑެމޯލާ ލުކްމަން ފުރަތަމަ ގޯލު ޖެހީ ޑާވިޑޭ ޒަޕަކޯސްޓާ ކަނޑާލި ބޯޅައަކާއެކުގައެވެ. އޭގެ އިރުކޮޅެއް ފަހުން 26 ވަނަ މިނެޓުގައި ލުކްމަން ދެވަނަ ގޯލެއް ޖެހީ ލެވަކޫސަންގެ ގްރަނިޓް ޒަކާ ކައިރިން ރީތިކޮށް ނައްޓައިލުމަށްފަހުއެވެ.

އެޓަލާންޓާއިން ދެވަނަ ހާފަށް ނުކުމެވެސް ތަފާތު ރަނގަޅު ކުޅުމެއް ދައްކާފައިވާ އިރު، 75 ވަނަ މިނެޓުގައި އެޓީމުގެ ތިންވަނަ ގޯލުވެސް ޖެހީ ލުކްމަންއެވެ.

ރޭގެ ކާމިޔާބީއަކީ އެޓަލާންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގަސްޕެރީނީއަށްވެސް ހާއްސަ ކާމިޔާބީއެކެވެ. އޭނާގެ ޕްރެސިން މޮޅު ޓެކްޓިކްސްއާ އެކު މިފަހަރުގެ ޔޫރޮޕާގައި ތަފާތު ދައްކާފައިވާ އިރު، އެޓަލާންޓާއިން ވަނީ 1963 ވަނަ އަހަރުގެ ކޮޕާ އިޓަލީއަށްފަހު ފުރަތަމަ ތަށި ހޯދައިފައެވެ.