ގެއްލިގެން ހޯދަމުން ދިޔަ ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އިންޑިއާގައި މަރާލާފައި އޮއްވައި ފެނިއްޖެއެވެ.
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި އެގައުމުގެ ސަރުކާރު ތަމްސީލު ކުރާ މެންބަރު އަންވަރުލް އާޒިމް ގެއްލިގެން ހޯދާތާ ހަފުތާއެއް ވެފައިވާ އިރު، އޭނާ މަރާލާފައި އޮއްވައި ފެނިފައިވަނީ އިންޑިއާގެ ކަލްކަތާ ސިޓީގައި ކަމަށް އޮފިޝަލުން ބުނެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ އެސިޓީގެ ފަޅު ގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.
މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އާޒިމް އިންޑިއާއަށް ގޮސްފައިވަނީ ސިއްހީ ފަރުވާ ހޯދުމަށް ކަމަށް އާއިލާއާ ހަވާލާދީ ބަންގްލަދޭޝްގެ އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބަންގްލަދޭޝްގެ އޮފިޝަލުން ވަނީ އާޒިމް މަރާލާފައި ވަނީ އޭނާ އިންޑިއާގައި ދިރިއުޅުނު ފްލެޓްގައި ކަމަށާއި ހަށިގަނޑު ފަޅުގެއަށް ގެންގޮސްފައިވަނީ މަރާލުމަާް ފަހު ކަމަށެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ހާން ވަނީ އާޒިމްގެ މަރުގެ މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ތިން މީހަކު ބަންގްލަދޭޝް އިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
އުމުރުން 56 އަހަރުގެ އަންވަރުލް އާޒިމް މަރާލާފައި މިވަނީ ބަންގްލަދޭޝްގެ ގާނޫން ހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ތިން ވަނަ ދައުރު ފުރިހަމަކުރަމުން އަންނަ ނިކޮށެވެ. އޭނާ އަކީ އެގައުމުގެ އަވާމީ ލީގް ޕާޓީއަށް ނިސްބަތްވާ ގިނަ ބައެއްގެ ތާއީދު ލިބިފައިވާ ސިޔާސީ ފަރާތެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ