ޖޫރިމަނާއެއްގެ ގޮތުގައި ނިއު މެކްސިކޯއަށް 25 ބިލިއަން ޑޮލަރު ދެއްކުމަށް މެޓާގެ މައްޗަށް އަމުރުކޮށްފިއެވެ. މި އަމުރު ނެރެފައިވަނީ، ފޭސްބުކް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާއި ކޮންޓެންޓް މޮޑަރޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން އެ ކުންފުނިން އޮޅުވާލާފައިވާ ކަމަށް ކޯޓުގެ ޖޫރީއަކުން ކަނޑައެޅުމާ ގުޅިގެންނެވެ.

ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2016 ވަނަ އަހަރު ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައި ހަރަކާތްތެރިވި ސިޔާސީ ކޮންސަލްޓިން ކުންފުންޏެއް ކަމަށްވާ ކެންބްރިޖް އެނަލިޓިކާއިން ހުއްދައަކާ ނުލައި ފޭސްބުކް ބޭނުންކުރާ ގާތްގަނޑަކަށް 87 މިލިއަން މީހުންގެ މައުލޫމާތު އެއްކުރި މައްސަލައިގައި 2021 ވަނަ އަހަރު ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ހުށަހެޅުއްވި ދައުވާއެކެވެ.

ދަ ސްޕޯކްސްމަން-ރިވިއުއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެޕްޓެންބަރު 25 ގައިސެންޓާ ފޭގެ ސްޓޭޓް ޑިސްޓްރިކްޓް ކޯޓުގެ ޖޫރީން ނިންމީ މެޓާއާއި އެ ކުންފުނީގެ އިސްވެރިން ދެއްކި 29 ވާހަކައެއްގެ ތެރެއިން 26 ވާހަކައަކީ އޮޅުވާލުމެއް ކަމަށާއި، މުއާމަލާތްކުރާ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާ 43،899،720 ފަހަރު ހިލާފުވެފައިވާ ކަމަށެވެ. ފަނޑިޔާރު ފްރާންސިސް މެތިއުގެ ހުކުމުގައި، ކޮންމެ ހިލާފުވުމަކަށް ގާނޫނުން ކަނޑައެޅޭ އެންމެ ބޮޑު އަދަދު ކަމަށްވާ 5،000 ޑޮލަރުގެ މަގުން 219.5 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅޭނެ ކަމަށް ނިންމި ނަމަވެސް، އެ އަދަދު ވަނީ 25 ބިލިއަން ޑޮލަރަށް ކުޑަކޮށްފައެވެ.

ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ޓޮރޭޒް ބުނީ، ސްޓޭޓްގެ ގާނޫނު އޮތް ގޮތުން މި ހުރިހާ ފައިސާއެއް ދާނީ އެ ސްޓޭޓްގެ ސްކޫލް ނިޒާމަށް ކަމަށާއި، މިއީ ކުރިއަށް އޮތް 100 އަހަރަށް ސްކޫލްތައް އިމާރާތްކުރުމަށް ފުދޭނެ ފައިސާއަށް ވެދާނެ ކަމަށެވެ.

ކޯޓަށް ހުށަހެޅި ލިޔުންތަކުގައި މެޓާއިން ކުރިން އެދިފައިވަނީ ޖޫރިމަނާގެ އަދަދު 3.45 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ނުކުރުމަށާއި، އެއަށް ވުރެ ބޮޑު އަދަދެއް ކަނޑައަޅައިފި ނަމަ ވިޔަފާރިތައް އެ ސްޓޭޓުން ބޭރުވުމުގެ ނުރައްކާ އޮތް ކަމަށެވެ. ސެޕްޓެންބަރު މަހުގެ ނިންމުން އިސްތިއުނާފުކުރާނެ ކަމަށް ކުރިން ބުނެފައިވާ މެޓާއިން، ޖޫރިމަނާގެ މި އަދަދާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.