ޗެލްސީގެ ކޯޗުކަމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މަގާމު ދޫކޮށްލައިފިއެވެ.
އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ، އެންމެ ސީޒަނަކަށްފަހު ޗެލްސީ ދޫކޮށްލީ ދެފަރާތް އެއްބަސްވެ، ވާހަކަ ދައްކައިގެންނެވެ. މިދިޔަ ޖުލައި މަހު ޕޮޗެޓީނޯ ޗެލްސީއާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުން ދެ ފަރާތުން ބޭނުންވާނަމަ، އިތުރު އަހަރަކަށް އާކުރުމަށް ފުރުސަތު އޮތެވެ.
ޗެލްސީ ދޫކޮށްލަން ނިންމި ނިންމުމާއެކު ޕޮޗެޓީނޯ ބުނީ، ޗެލްސީގެ ބޯޑަށް ޝުކުރު އަދާކުރާ ކަމަށާއި މިހާރު ޗެލްސީ އެއޮތީ ކުރިއަށް ދާން އެންމެ ރަނގަޅު މިސްރާބުގައި ކަމަށެވެ. އަދި ނިންމުން ނިންމީ ދެފަރާތް އެއްބަސްވެ، އެންމެ ރަނގަޅު ގޮތަކަށް ކަންކަން ކުރިއަށް ގެންދަން ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.
ޕޮޗެޓީނޯއާ އެކު ޗެލްސީން ސީޒަން ފެށީ އުނދަގޫތަކާއެކުގައި ނަމަވެސް، އެޓީމުން ވަނީ ސީޒަންގެ ފަހު ބައިގައި ތަފާތު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. އެގޮތުން، ލީގު ތާވަލުގެ ހަވަނައަށް އަރައި ޔޫރަޕްގެ ފުޓުބޯޅަ ޔަގީންކޮށް، އެފްއޭ ކަޕްގެ ސެމީ ފައިނަލަށްވެސް ޗެލްސީ ގޮސްފައިވެއެވެ. އަދި ޗެލްސީއަކީ މިސީޒަނުގެ ލީގު ކަޕްގެ ފައިނަލްގައި ކުޅުނު ޓީމެއްވެސް މެއެވެ.
ޕޮޗެޓީނޯއަކީ މިދިޔަ ފަސް އަހަރު ތެރޭގައި ޗެލްސީން ދުރަށް ދިޔަ ހަވަނަ ކޯޗެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ޗެލްސީން ވަނީ ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާގެ އިތުރުން ފްރޭންކް ލެމްޕާޑުވެސް މަގާމުން ވަކިކޮށްފައެވެ.
ޗެލްސީން އާ ކޯޗެއް ހޯދަން ކުރަމުންދާ މަސައްކަތުގައި ބޮޑަށް ބަލަމުންދަނީ އާ ކޯޗަކަށެވެ. އިޕްސްވިޗްގެ ކޯޗު ކީރަން މެކެނާގެ އިތުރުން ސްޕޯޓިން ލިސްބަންގެ ރުބެން އަމޯރިމް އަދި ބާންލީގެ ވިންސެންޓް ކޮމްޕެނީއަށްވެސް ޗެލްސީ ބަލަމުން ދެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ކުރީގެ ކޯޗުން ކަމަށްވާ ތޯމަސް ޓުޗެލްއާއި ޖޯސޭ މޮރީނިއޯ މިވަގުތު ހުސްކޮށް ތިބި ނަމަވެސް، އެ ވިސްނުން ޗެލްސީން ނުގެންގުޅޭނެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު