މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު އއ. ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް އެ ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވިގެން އުޅެނިކޮށް، ސްޓެލްކޯގެ މުވައްޒަފުންތަކެއް މޫދަށް ފައިބައި އެ ކުދިން ސަލާމަތް ކޮށްދީފިއެވެ.

ކޮޅިގަނޑުގައި ޖެހުނު ކުދިން ސަލާމަތް ކުރުމުގެ އިތުރުން ސްޓެލްކޯގެ މުވައްޒަފުން ވަނީ ކޮޅިގަނޑުގެ ސަބަބުން ތޮއްޑޫގައި ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގެތަކުގެ ފުރާޅަށް ވެއްޓުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން ސަލާމަތްކުރުމަށްވެސް އެހީވެފައެވެ.

ސްޓެލްކޯގެ މުވައްޒަފުން ދެއްކި ހިތްވަރު ފާހަގަކޮށް ސްޓެލްކޯ އިން ބުނީ، ރައްޔިތުންނަށް ދިމާވާ އެފަދަ ކޮންމެ ހާދިސާއެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ ހިތްވަރާއި ކެރުމާއެކު އެންމެ ކުރީ ސަފުގައި އެހީވާން ކަމަށެވެ.