ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ)އިން ބާއްވާ ލ. އަތޮޅުގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް 2024ގެ ގުރުއަތުލުން ރޭ ބާއްވައިފިއެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 15 ޓީމަކުން ވާދަކުރާ އިރު، ގުރު ނެގުމުގެ އިވެންޓު ބާއްވާފައިވަނީ ފޮނަދޫ ބީޗް ސްޕޮޓުގައެވެ. އިވެންޓުގައި ޓީމުތަކުގެ އޮފިޝަލުންނާއި މެނޭޖަރުންގެ އިތުރުން މުބާރާތް އިންތިޒާމު ކުރާ އެފްއެމްއެސްސީގެ އިސް ފަރާތްތައްވެސް ބައިވެރިވިއެވެ. އޭގެ އިތުރުން ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު މަމްދޫހާއި ވެމްކޯ ފޮނަދޫ އޮފީހުގެ މެނޭޖަރު އަބްދުﷲ އަލީ އަދި ޝަބްނަމީ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ހަމީދު ރޭގެ އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ މުބާރާތް މިމަހުގެ 27 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖު ނިމޭނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން ކުއާޓާގެ މެޗުތައް ތިންވަނަ ދުވަހުގެ ރޭ އޮންނަ އިރު، ސެމީ އޮންނާނީ ފަސްވަނަ ދުވަހުގެ ރޭގައެވެ. މިއަހަރު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހު ހަތްވަނަ ދުވަހުގެ ރޭގައެވެ. މެޗުތައް ކުރިއަށްދާނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.
- ގްރޫޕް އޭ: ރަސްހިންނަ އެސްސީ، ވައްޓަފާޅި އެސްސީ، ސޭންޑްސް އޮފް ލާމު، ކިއުއެމް ސްޕޯޓްސް ކްލަބު
- ގްރޫޕް ބީ: ކިންގް އެސްސީ، އަފޭން، ޔުނައިޓެޑް އައުޓްރީފް، އަމިގޯސް އެސްސީ
- ގްރޫޕް ސީ: ފޮއެމަތި އެސްސީ، ބެސްޓް ބޯއީޒް، އައުޓްރީފް އެސްސީ، ޖީޖީއެސްސީ
- ގްރޫޕް ޑީ: މުންޑޫ ޒުވާނުންގެ ޖަމިއްޔާ، ރަސްހިންނަ ނިއު ޖެނެރޭޝަން، ބީޖީއެސްސީ
މި ފަހަރުވެސް ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން މެދުއަވަށު ސްޕޯޓްސް ކްލަބުން ނިންމައިފައިވާ އިރު، މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ތަރިން ފެނިގެންދާނެއެވެ. މިއީ ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގެ ފަސްވަނަ މުބާރާތެވެ. މީގެ ކުރިން ބޭއްވި ހުރިހާ މުބާރާތްތައްވެސް ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ހާއްސަކޮށް ލ. އަތޮޅުގެ ގިނަ ކުޅުންތެރިންތަކެއްވެސް ފޮނަދޫ ފުޓްސަލް ޗެލެންޖުން ވަނީ ވިދާލައިފައެވެ. މުބާރާތް ލ. އަތޮޅުގެ ކުޅުންތެރިންނަށް ހާއްސަކޮށްފައި އޮންނަ އިރު، ކޮންމެ ޓީމެއްގައިވެސް ރާއްޖޭގެ އެހެން އަތޮޅަކަށް ނިސްބަތްވާ ދެ ކުޅުންތެރިޔަކު ހިމެނުމަށް ފުރުސަތު ދީފައިވެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލްއެވެ. ޕްލެޓިނަމް ސްޕޮންސަރުންނަކީ ކޮކާ ކޯލާ، ޝަބްނަމީ ހޯލްޑިންގްސް، ފޮނަދޫ ކައުންސިލް، ސޯސަން ފިހާރަ، ދަ ސުޕާރީ ފިހާރައެވެ. ސިލްވާ ސްޕޮންސަރުންނަކީ ބެސްޓް ބައި މޯލްޑިވްސް، ރެޑްބުލްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ފެންސީ ފުޑްސްއެވެ. ލައިވް ޕާޓްނަރަކީ ލާމު ލައިވްއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ އިމޭޖަސް އެމްވީއެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
މިއަހަރުގެ މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ. "ވަން ސްޕޯޓްސް"އިން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތު ގެނެސްދެމުންދާނެއެވެ.
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް
ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖް