ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިންތިހާބީ މެމްބަރު ޝާމިން ހަބީބު ވެރިކަން ކުރާ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ.

މުލިއާގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝާމިން ވަނީ ޕީއެންސީއަށް ސޮއި ކުރެއްވުމަށްފަހު, މެމްބަރުކަމުގެ ފޯމް ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފައެވެ.

ޝާމިން ކުރެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 40 ޕަސެންޓް ވޯޓުންނެެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް ތައުފީގެވެ. އޭނާއަށް ލިބިވަޑައިގަތީ 29 ޕަސެންޓް ވޯޓެވެ.

އަމިއްލަ ގޮތުން ވާދަ ކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަތް މެމްބަރަކު މީގެ ކުރިން ޕީއެންސީއަށް ސޮއި ކުރައްވާފައިވާއިރު، ޝާމިން މިއަދު ޕީއެންސީއާ ގުޅިވަޑައިގަތުމުން އާ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު މިހާރު 74 އަށް އަރާނެއެވެ.

އޭގެ އިތުރުން ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ގޮތުގައި ތިއްބެވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ޓިކެޓުގައި ވެލިދޫ ދާއިރާއަށް އިންތިހާބުވި މުހައްމަދު އައްބާސް އާއެކު ސަރުކާރު ކޯލިޝަންގެ މެންބަރުންގެ އަދަދު މިހާރު 78 އަށް އަރައެވެ.