ޔުވެންޓަސް އިން އެ ޓީމުގެ ކޯޗު، މަސިމިލިއާނޯ އަލެގްރީ ފޮނުވާލައިިފިއެވެ.
ޔުވެންޓަސް އަށް މި ސީޒަނުގެ ލީގު ނުލިބުނު ނަމަވެސް، އެ ޓީމުން ނިންމާލީ އިޓަލީގެ ކަޕް ކާމިޔާބު ކޮށްގެންނެވެ. ކަޕް ފައިނަލަށް ދެ ދުވަސްވީތަނާ ޔުވެންޓަސް އިން އަލެގްރީ ކޯޗުކަމުން ވަކިކުރީ އެ ފައިނަލުގެ ފަހު ވަގުތުގައި އޭނާގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު ކަންތައްތަކުގެ ސަބަބުންނެވެ.
އަޓްލާންޓާއާ ދެކޮޅަށް ކުޅުނު ކަޕް ފައިނަލްގެ ފަހު ވަގުތު ރެފްރީ ނިންމި ނިންމުމަކާ ދޭތެރޭ ހިތްހަމަނުޖެހިގެން އަލެގްރީ ވަނީ ލައިގެން ހުރި ކޯޓުވެސް ބާލައިލާފައި ގޮސް ރެފްރީއަށް އެއްޗެހި ގޮވައިފައެވެ. އަދި ރެފްރީ ރަތް ކާޑު ދެއްކުމުން ޓަނަލްއަށް ވަންނަން ދަމުން އަލެގްރީ ވަނީ ގަމީހުގެ ގޮއްތައް ނައްޓަންވެސް ފަށައިފައެވެ. އަލެގްރީގެ މައްސަލަ އިޓަލީގެ ފެޑަރޭޝަނުންވެސް ދަނީ ބަލަމުންނެވެ.
އުމުރުން 56ގެ އަލެގްރީ ވަކިކުރަން ޔަގީންކުރަމުން އިއްޔެ ޔުވެންޓަސް އިން ބުނެފައިވަނީ ކަޕް މެޗުގެ ފައިނަލުގައި ހިނގާދިޔަ ކަންތައްތައް ބަލައި ނުގަނެވޭނެ ކަމަށާއި އެއީ ޔުވެންޓަސް ރަމްޒު ކޮށްދޭ މީހެއްގެ ފަރާތުން ފެންނަން ޖެހޭނެ މަންޒަރެއް ނޫން ކަމަށެވެ.
މިއީ އަލެގްރީ ޔުވެންޓަސް އަށް ކޯޗުކަން ކޮށްދިން ދެވަނަ ފަހަރެވެ. މީގެ ކުރިން 2014 ވަނަ އަހަރުން 2019 ވަނަ އަހަރާ ހަމައަށް އަލެގްރީ ވަނީ ޔުވެންޓަސް އަށް ކޯޗުކަން ކޮށްދީފައެވެ. އެ ފަހަރު އޭނާ ކޯޗުކަމުގައި ހުރި ފަސް ސީޒަނުގައިވެސް ޔުވެންޓަސް އިން ލީގު ހޯދިއެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށްވެސް ދެ ފަހަރަށް އަލެގްރީ ވަނީ ޔުވެންޓަސް ގެންގޮސްދީފައެވެ.
އެ ފަހަރު އަލެގްރީ ކާމިޔާބު ނަމަވެސް، މި ފަހަރު ހަވާލި ފަހުން ޔުވެންޓަސް އަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. 2018 ވަނަ އަހަރުން މި ސީޒަނުގެ ނިޔަލަށް ޔުވެންޓަސް އާއެކު އަލެގްރީއަށް ހޯދުނީ ކަޕް އެކަންޏެވެ.
ޔުވެންޓަސް އިން ކޯޗެއް ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެ ޓީމާ ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ތިއާގޯ މޮޓާއެވެ.
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް
ޔުވެންޓަސް