ހުޅުމާލޭގައި އިމާރަތް ކުރަމުންދާ އެޕޯލާ ޓަވަރުގައި ޖަހާފައިވާ ހުރި ފެންސުތަކެއް ވަޔާދާތީ އެ އިމާރަތް ހުންނަ މަގު ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެޕޯލާ ޓަވަރު ހުންނަނީ ފިތުރޯނު މަގުގައެވެ. ފުލުހުން ދަނީ އެ މަގުގައި މިހާރު ހަރަކާތްތެރިވަމުންނެވެ.
ފުލުހުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ އެ އިމާރާތުގައި ޖަހައިފައިވާ ފެންސުތައް ވަޔާދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ.
"ކޮންސްޓްރަކްޝަން ސައިޓުތަކުގައި މޫސުން ގޯސްވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ސޭފްޓީ ޕްރޮޓޮކޯލް އޮންނަ ޖެހޭ. މި ވީޑިއޯއިން މި ފެންނަ ފަދަ ކަމަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން މުހިންމު،" ފުލުހުން ބުންޏެވެ.
ރާއްޖެއަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި، ގުގުރައި އަދި ގަނޑިއަކު 19 މޭލާއި 25 އާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގަދަ ވައިގެ ސަބަބުން ސިނަމާލެ ބުރިޖުން ދަތުރުކުރުމަށް އުނދަގޫތަކެއް ހުރި އިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޖައްސަން ދިޔަ ދެ މަތިންދާބޯޓެއް ވެސް ދަތިތަކެއް ދިމާވުމުގެ ސަބަބުން ވަނީ "ގޯ އެރައުންޑް" ހަދައިފައެވެ. އަދި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިތުރު މަތިންދާބޯޓަކަށް ވަނީ ގޯ އެރައުންޑް ހެދުމަށް ވެސް އުނދަގޫތަކެއް ކުރިމަތިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު