ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކޮށް ބިމާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރަން ފޮނުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވަވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ރައީސް މުއިއްޒު، "ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު" އަށް ނުވަވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަޖިލީހުގައި އެދިވަޑައިގެން، އެ ބިލު ތަސްދީގު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވަވާފައިވާ ކަމަށެވެ.

މަޖިލީހުން އެ އިސްލާހު ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައެވެ. އެ ބިލު ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުގައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 41 މެންބަރުންގެ ތެރެއިން 35 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ލާޒިމުކުރުމަށް ބިމާ ބެހޭ ގާނޫނުގައި ހިމަނަން މި ބިލުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މުއްދަތު ތިން މަސް ދުވަހަށް ބިލު ދިރާސާ ކުރި ކޮމިޓީން ވަނީ ކުޑަކޮށްފައެވެ.

މީކާއީލް ވިދާޅުވެފައިވަނީ ގާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން އެތައް އަހަރުތަކަކަށްފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމު ކުރުމަށްފަހު އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް، އެ ގޯތިތައް ހަވާލު ކޮށްފައި ނުވާތީ، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދައިދިނުން ކަމަށެވެ.

މިފަދަ މައްސަލަތައް ތަކުރާރުވެގެން ނުދާނޭކަން ކަށަވަރުކުރުމާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކުރަން ޖެހޭގޮތް ހެދުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ގާނޫނުގައި ހިމަނަން މީކާއީލް ހުށަހަޅުއްވާފައިވާ މާއްދާތަކުގައި ބުނެފައިވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކުރި އިދާރާއަކުން ގޯތި ހަވާލު ކުރަންވާނެ ކަމަށެވެ.

މި ގާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ، އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.