އުމުރުން 39 އަހަރުގެ އިންޑިއާ ފޯވަޑް ސުނިލް ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައި އެކަން އިއުލާންކޮށްފިއެވެ.
އިންޑިއާގެ ލެޖެންޑަރީ ސްޓްރައިކާ އެކަން މިއަދު އިއުލާން ކުރީ ސޯޝަލް މީޑިއާއަށް ލާފައިވާ ވީޑިއޯ މެސެޖެއްގައެވެ. ޗެތުރީ އިންޑިއާ އަށް ކުޅޭ އެންމެ ފަހު މެޗަކަށް ވާނީ އަންނަ ޖޫން މަހު ހަވަނަ ދުވަހު އިންޑިއާ އިން ކުވައިތާ ދެކޮޅަށް ކުޅޭ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗެވެ.
އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިފައި މިވަނީ ގާތްގަނޑަކަށް 20 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ. 2005 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އޭނާ ވަނީ އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމަށް 150 މެޗު ކުޅެ، 94 ގޯލުވެސް ޖަހައިދީފައެވެ. ޗެތުރީ އަކީ ގައުމީ ޓީމަށް ގޯލު ޖެހުމުގެ ލިސްޓުގައިވެސް ފަހުރުވެރި މަގާމެއްގައި އޮތް ކުޅުންތެރިއެކެވެ.
މި ވަގުތު ގައުމީ ޓީމުތަކަށް ކުޅެމުންދާ އެކްޓިވް ކުޅުންތެރިންގެ ތެރެއިން ޗެތުރީއަށްވުރެ ގިނައިން ގައުމީ ޓީމަށް ގޯލު ޖަހައިދީފައި ވަނީ އެންމެ ދެ ކުޅުންތެރިންނެވެ. އެއީ އެއްވަނައިގައި އޮތް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ދެވަނައިގައި އޮތް ލިއޮނަލް މެސީއެވެ. އޭގެ ފަހަތުން އެ ލިސްޓްގައި އޮތީ އިންޑިއާގެ ޗެތުރީއެވެ.
ޗެތުރީ މިއަދު ހިއްސާކުރި އަސަރުގަދަ މެސެޖުގައި ބުނެފައި ވަނީ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗާއި ގައުމީ ޓީމަށް ޖެހި ފުރަތަމަ ގޯލުވެސް އަދިވެސް، ތާޒާކޮށް ހަނދާން އެބަހުރި ކަމަށެވެ. އަދި އެ މެޗުން ފެށިގެން މިއަދާ ހަމައަށް ކުޅުނު ކޮންމެ މެޗެއްގައިވެސް ގައުމީ ޖާޒީ ރަމްޒުކުރީ ޝަރަފާއި ފަހުރާ އެކުގައި ކަމަށް ޗެތުރީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން އެއީ އޭނާއަށް ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ. ގައުމުގެ ހިދުމަތަށް އަބަދުވެސް ތައްޔާރަށް ހުންނާނެ ކަމަށް ބުނަމުން ޗެތުރީ ބުނީ، މިދިޔަ ދެ ހަފުތާއެއް ދުވަހު އޭނާ ވިސްނި ވިސްނުމުގައި ދެން ކުޅެން ޖެހޭނީ ގައުމީ ޓީމަށް އެންމެ ފަހު މެޗެވެ.
އެ މެޗު ކުޅެން ނިންމީ، ގައުމީ ޓީމުގެ ފޯވަޑް ލައިން ޒުވާން ހުނަރުވެރި ކުޅުންތެރިންނާ ހަވާލުކުރުމަށް ކަމަށްވެސް ޗެތުރީ ބުންޏެވެ.
ޗެތުރީ ވަނީ އިންޑިއާއަށް 2007، 2009ގެ އިތުރުން 2012 ވަނަ އަހަރުގެ ނެހުރޫ ކަޕް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ. އަދި 2008 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ކާމިޔާބުކޮށް، 27 އަހަރަށްފަހު އެ ގައުމުގެ ގައުމީ ޓީމަށް ފުރަތަމަ އޭޝިއަން ކަޕުން ޖާގަ ހޯދައިދިނުމުގައިވެސް ޗެތުރީ މުހިންމު ރޯލެއް އަދާކުރިއެވެ.
އިންޑިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑު ހަތް ފަހަރު ހޯދާފައިވާ ޗެތުރީ ވަނީ އިންޑިއާ އާއެކު ހަތަރު ފަހަރު ސާފް ޗެމްޕިއަންޝިޕްވެސް ހޯދައިފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ބެންގަލޫރުގައި ބޭއްވި މުބާރާތްވެސް ހިމެނެއެވެ.
އޭގެ އިތުރުން ބެންގަލޫރު އެފްސީގެ ފޯވަޑް ޗެތުރީއަކީ އިންޑިއާ ސަރުކާރުން ދޭ ކުޅިވަރުގެ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފު، ކެލް ރަޓްނާ އެވޯޑް ހާސިލްކޮށްފައިވާ ފުރަތަމަ ފުޓުބޯޅަ ކުޅުންތެރިޔާއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ