ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސް 2024ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފިއެވެ.
ދީމާ ފައިނަލަށް ދިޔައީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ސްރީ ލަންކާގެ އިޝާރާ މަދުރަންގީއާ ވާދަކޮށް، 4-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލުގައި ދީމާ ކުޅޭނީ، ސްރީ ލަންކާގެ ބިމާންޑީ ބަންޑާރައާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގައި ރާއްޖޭގެ މިޝްކާ އިބްރާހިމް އަތުން މޮޅުވި، ބިމާންޑީ ފައިނަލަށް ދިޔައީ ސެމީ ފައިނަލް މެޗުގައި 4-1 އިން ނޭޕާލުގެ އިވާނާ ތާޕާ ބަލިކޮށްފައެވެ.
ދީމާ ވަނީ ގްރޫޕް ސްޓޭޖުގައި ބިމާންޑީއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗު ދީމާ ކާމިޔާބުކުރީ 4-3 ސެޓުންނެވެ. އެހެންކަމުން މިއަދު ރާއްޖެގަޑިން މެންދުރުފަހު 2:45 ގައި އޮންނަ ފައިނަލް މެޗު ފޯރިގަދަވާނެއެވެ. އެ މެޗުން މޮޅުވެ، ދީމާއަށް އޮލިމްޕިކްސްއަށް ކޮލިފައިވުމަށް ފުރުސަތު ލިބޭނެއެވެ.
ދީމާ މިއަދުގެ ސެމީ ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ތަފާތު ރޫހެއްގައި ކުޅެ، އެ ސެޓު ގެންދިޔައީ
11-7 އިންނެވެ. ދެވަނަ ސެޓުވެސް ރަނގަޅަށް ފަށައި ބޮޑު ލީޑެއް ނެގި ނަމަވެސް ލަންކާގެ އިޝާރާ ވަނީ ފަހަތުން އަރައި އެ ސެޓުގެ ލީޑު ނަގައި، 11-8 އިން ގެންގޮސްފައެވެ. އޭގެފަހުން ދެން ޖެހިގެން އައި ސެޓު ދީމާ 11-5 އިން އަނެއްކާވެސް ގެންދިޔައެވެ.
މެޗުގެ ހަތަރުވަނަ ސެޓު ފެނުނީ ވާދަވެރި ކޮށެވެ. ދާދި ގާތްގާތުން ޕޮއިންޓްތައް ގޮސް ދީމާ ސެޓު ގެންދިޔައީ 11-9 އިންނެވެ. އެ ސެޓު ފޯރިގަދަކޮށް ގޮސް ލިބުމާއެކު ފަސްވަނަ ސެޓަށް ދީމާ ނުކުތީ ފޯމުގައެވެ. އެ ސެޓު ދީމާ ވަނީ ފަސޭހަކޮށް، 11-2 އިން ގެންގޮސްފައެވެ.
ނޭޕާލްގައި ކުރިއަށްދާ އޮލިމްޕިކްސް ދެކުނު އޭޝިއާ ކޮލިފިކޭޝަންގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ވާދަކުރިއެވެ. އެއީ އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ. ފިރިހެން ދެ އެތުލީޓުން ކަމަށްވާ މޫސާ މުންސިފް އަހުމަދު އަދި އަހްޔާރު އަހުމަދު ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ.
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ
ފާތިމަތު ދީމާ އަލީ