ކ. ގުޅިފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަޝްރޫއު މަޑުޖައްސާލަން އަންގައި ހައިކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ހިނގައިދިޔަ މައްސަލައެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތްކުރުުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ، ހ. ޝޭޑީ ކޯނާ، ހުމެއިދާ އަބްދުލްގަފޫރެވެ. އޭނާ އެ މައްސަލަ ހުށަހަޅާފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންއާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައްޗަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ދީގެން ހިންގާ މަޝްރޫއެއް ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލަ ނިމެންދެން އެ މަޝްރޫއު ކުރިއަށް ގެންދިއުން ވަގުތީ ގޮތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ހުމެއިދާ ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އޭނާ އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނެރެނުދިނެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައި ވަނީ، އެ މަޝްރޫއަކީ ލާމަރުކަޒީ ނިޒާމާ އިދިކޮޅު، ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އިގުތިސޯދީ ހީނަރުކަމާ ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅު ނުޖެހޭ، ދަރަނި ބޮޑު އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފު މަޝްރޫއެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން 300 މިލިއަން ޑޮލަރުގެ ހަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭގެ ތެރޭގައި ގުޅިފަޅުގެ ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާވެގެންދާނެކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު، ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށާއި ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ، އެ މަޝްރޫއުގެ ދަށުން ފައިސާ އިން އަގުނުކުރެވޭ ފަދަ ނިއުމަތްތައް ކަމަށްވާ ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ދިރުންތަކުގެ މުއްސަނދިކަމާއި މާހައުލީ ނިޒާމުތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ އަސަރު ޖީލުތަކަށް ދެމިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅިފަޅު ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ އޭގެ ސަބަބުން މާލޭ ސަރަހައްދުގެ ކަނޑުފަޅުތަކާއި ދިރުންތަކުގެ ވެއްޓަށް އަނބުރާ އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގުޅިފަޅު ޕޯޓް ޑިވެލޮޕްމަަންޓް މަޝްރޫއުގެ ފޭސް ދޭއްގެ ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށް ހުމެއިދާ ކޯޓަށް ހުށަހެޅިއެވެ.

އޭނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ގުޅޭ ގޮތުން ސިވިލް ކޯޓުން ބުނެފައިވަނީ، އެ މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށްޓަކައި މާލޭ ޕޯޓުގައި މި ވަގުތު ހުރި ހުރަސްތަކާއި ދަތިތަކަށް ހައްލެއް ހޯދައި، މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ ވަރުގެ ޕޯޓެއް ގާއިމުކުރުން ކަމަށްވެފައި، މި މަޝްރޫއަކީ ބައިނަލްއަގުވާމީ އެކިއެކި އިދާރާތަކުން ލޯނު ނަގައިގެން، ބޮޑު ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއަކަށް ވުމުންނާއި ގުޅިފަޅު ފޭސް އެކެއް ނިމި، ފޭސް ދޭއްގެ މަސައްކަތްވެސް ކުރިއަށްދާތާ ގިނަ ދުވަސްތަކެއް ފަހުން މުޅި މަޝްރޫއު މަޑުޖައްސާލައިފި ނަމަ، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކަކުން ފައިސާ ދައްކަން ސަރުކާރަށް ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭ ހާލަތުގައި އެ އަމުރުގެ ސަބަބުން ދައުލަތަށް ލިބޭ އިޔާދަނުކުރެވޭ ގެއްލުން މާބޮޑު ތަނުން ބޮޑުވާނެ ކަމަށް ޝަރީއަތުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ހުމެއިދާ އެދުނު ވަގުތީ އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމުގައި ވަނީ، އެ މަސައްކަތުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކުރުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު، އެ ކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފި ނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށްވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާބޮޑު ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަގުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގައިފައެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެއެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވަނީ އެއީ ހައިކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އޮތް މައްސަލަލެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށް ބުނެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާއާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް މި މައްސަަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްްފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރު ނެރެފައިވަނީ ވަގުތީ އަމުރު ނެރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށްވާތީ ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރާ ކަމަށެވެ.