ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައި އޮތް ރެއާލް މެޑްރިޑުން ރޭ ކުޅުނު މެޗުގައި ބޮޑު ތަފާތަކުން އަލާވޭސް ބަލިކޮށްފިއެވެ.
ރެއާލުން ރޭ އަމިއްލަ ދަނޑުގައި 5-0 އިން މޮޅުވެ، ލީގުގައި ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑު، 31 މެޗަށް ވަނީ ދަންމާލާފައިއެވެ. އެއީ 1989-1989 ވަނަ އަހަރުގެ ސީޒަނުގައި ރެއާލުން ހަދާފައިވާ ރެކޯޑާ ހަމަހަމަ އަދަދެކެވެ. މި ސީޒަނުގައި ރެއާލަށް ބާކީ ދެ ލީގު މެޗު އޮތްއިރު، ދެން އޮތް މެޗުން މޮޅުވެ، އަހަރުތަކެއްވީ ރެކޯޑު މުގުރާލަން އެ ޓީމަށް ފުރުސަތު އެބަ އޮތެވެ.
ރޭގެ މެޗަށް ކޯޗު ކާލޯ އެންޗެލޮޓީ ވަނީ ގޯލްކީޕަރަށް ބަދަލު ގެނެސްފައެވެ. އަންދްރޭ ލުނިންގެ ބަދަލުގައި ތިބޯ ކޯޓުއާ ފުރަތަމަ 11 އަށް ނެރެފައިވާ އިރު، އަނިޔާ އިން ރަނގަޅުވެ މެޗަށް ފިޓްވަމުން އަންނަ ބެލްޖިއަމް ކީޕަރު ތަފާތުވެސް ދެއްކިއެވެ. މެޗުގައި މުހިންމު ސޭވްތަކެއް ކޯޓުއާ ކޮށްފައިވުމާއެކު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް އޭނާ ފެނިދާނެ ކަމަށް މިހާރު ބެލެވެއެވެ. ނަމަވެސް ލުނިން މިހާތަނަށް ޗެމްޕިއަންސް ލީގުގައި ތަފާތު މޮޅު ކުޅުމެއް، ރެއާލަށް ކުޅެދީފައިވެއެވެ.
ޖޫޑް ބެލިންހަމްގެ 19 ވަނަ ލީގު ގޯލާއެކު ރެއާލުން ރޭ އަވަސް ލީޑެއް ނެގި އިރު، ހާފު ނިމުމުގެ ކުރިން ވިނީޝިއަސް ޖޫނިއާ ވަނީ އެ ޓީމުގެ ދެވަނަ ގޯލެއް ޖަހައިދީފައެވެ. އަދި ފެޑެރީކޯ ވަލްވާޑޭގެ ގޯލުން ތިން ގޯލުގެ ލީޑަކާއެކު ރެއާލުން ހާފު ނިންމާލި އިރު، ދެވަނަ ހާފުގެ ގޯލުތައް ޖެހީ ވިނީޝިއަސް އާއި ޒުވާން ތަރި ތުރުކީގެ އާދާ ގުލާއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު