އަމިއްލަ ކުންފުންޏަކުން 1.9 މިލިއަން ރުފިޔާ، ގްރޫޕަކުން ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ވަނީ އެ މައްސަލައިގެ ތުހުމަތަށް މއ. އުދުހޭކޮކާ، (މިހާރު އުޅޭ އެޑްރެސް: މ. އޯކްބާން) އަހުމަދު ނާޝިދު (38އ) ހައްޔަރުކޮށްފައެވެ. ފުލުހުން އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުން، މުދަލަށް ގެއްލުން ދިނުން އަދި ވައްކަން ކުރުމުގެ ކުށުގެ ތުހުމަތެވެ.
ނާޝިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން މިއަދު ވަނީ އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތައް އޭނާ ކުރި ކަމަށް ކޮންމެވެސް ވަރަކަށް ފުލުހުން ހެކި ހުށަހަޅާފައިވާތީއެވެ. އެ ހެކިތަކަކީ، ހެކިންގެ ބަޔާނާއި، ސީސީޓީވީ ސްނެޕްޝޮޓާއި، އިންޓެލިޖެންސް ރިޕޯޓު އަދި ބޭންކު ސްޓޭޓްމެންޓެވެ.
ކުރިމިނަލް ކޯޓުން ބުނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ނާޝިދުއާއެކު އެ ކުށް ކުރުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
"މީނާ މި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވުމާއި، މި މައްސަލައިގައި ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން މި ހާދިސާ ހިނގި ސަރަހައްދު ކައިރިން ދަބަހެއް ދިނުމުން އެ ހިފައިގެން މީނާ ދިރިއުޅޭ ގެއަށް ގޮސްފައިވާކަން ހުށަހެޅިފައިވާ ސީސީޓީވީ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ..،" ކޯޓު އަމުރުގައި ބުންޏެވެ.
ވައްކަން ކުރި ދުވަހު ތުހުމަތުކުރެވޭ މީހުން ބޭނުންކުރި ސައިކަލް ކުއްޔަށް ނެގުމުގައި ނާޝިދުގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ހުށަހެޅި ހެކިތަކުން ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
ޕްރޮސިކިިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކޮށްދީފައިވާކަމުގެ ލިޔުން ކޯޓަށް ހުށަހަޅާފައި ކަމަށް އަމުރުގައި ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު