ރާއްޖޭގައި މިވަގުތު އެންމެ ފުޅާކޮށް ކުޅެމުންދާ އެއް ކުޅިވަރު، ފުޓްސަލްގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް މިވީހާތަނަށް މުސާރަ ނުދެވި އޮތީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިހުމާލުން ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ ހާއްސަ އުސޫލެއް އެކުލަވާލައި، ގައުމީ ސްކޮޑުތަކުގައި ހިމެނޭ ކުޅުންތެރިންނަށް މުސާރަ ދެމުންދަނީ ޔޫތު މިނިސްޓްރީންނެވެ. އެހެން ނަމަވެސް، އެ އުސޫލު ތެރޭގައި ވާގޮތުން މިނިސްޓްރީއަށް މައުލޫމާތުތައް ފޯރުކޮށްދީ، އެކަންކަން ރެގިއުލޭޓް ކުރަމުންދަނީ އެސޯސިއޭޝަންތަކުންނެވެ. އެހެންކަމުން މުސާރައިގެ ކަންކަން ބަލަހައްޓައި ރެގިއުލޭޓް ކުރާ، ފުޓްސަލްގެ ބެލެނިވެރި ފަރާތަކީ އެފްއޭއެމްއެވެ. އެއީ ފީފާގެ ދަށުން އެފްއޭއާ މަތިކޮށްފައި އޮތް ޒިންމާއެއް ނަމަވެސް، އެފްއޭއެމްއިން މިހާތަނަށް ފުޓްސަލްއަށް މާ ބޮޑަށް އަޅާލާފައެއް ނުވެއެވެ.

އެހެން އެކަން އޮތުމުން މުސާރަ ނުދެވި އޮތް ކަމަށް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިއު މިއަދުގެ ޕްރެސްގައި ފާހަގަކުރައްވާފައިވާ އިރު، މިނިސްޓަރު އިތުރަށް ވިދާޅުވީ އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ގައުމީ ޓީމުތަކަށް މުސާރަ ދޭ އުސޫލެއް ނޭޝަނަލް ސްޕޯޓްސް ކައުންސިލުން އެކުލަވާލައިފަ. އެ އުސޫލުގެ މައްޗަށް އަޅުގަނޑުމެންނަށް މިހާރު އަމަލުކުރެވެން އޮންނަނީ. ވަކި ކްރައިޓީރިއާ ތަކެއް އެބަހުރޭ މުސާރަ ދޭން ބަލާއިރު. އަޅުގަނޑުމެންނަށް މުސާރަ ދެވޭނީ އެ ކްރައިޓީރިއާތައް ހަމަކޮށްގެން. ދެން އޮތް ވާހަކައަކީ އެކަމުގެ މުހިއްމުކަމުން އެ ކްރައިޓީރިއާ ބަދަލުކުރަން މަސައްކަތް ކުރަންވީތޯ؟ އެއީ ވާހަކަ ދައްކަން ޖެހޭ ކަމެއް،" މިނިސްޓަރު ރާފިއު، މިއަދު ރޭޑިއޯ ބިލްޑިންގްގައި ބޭއްވި ޕްރެސްގައި ރާފިއު ވިދާޅުވިއެވެ.

މިނިސްޓަރުގެ އިތުރުން ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒް މިއަދު ވިދާޅުވީ އެފްއޭއެމްއިން ފުޓްސަލްގެ ގަވާނިން ބޮޑީއެއްގައި އޮވެ، ފުޓްސަލް ރަނގަޅަށް ރެގިއުލޭޓް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން ގައުމީ ސްކޮޑެއް ރަޖިސްޓްރީ ނުވެ އޮތުމުން މުސާރަ ދޭން އުނދަގޫވާ ކަމަށްވެސް ރިޔާޒު ފާހަގަކުރެއްވިއެވެ. ރިޔާޒް ވިދާޅުވީ އެކަމަށް މަޑުނުކޮށްވެސް ފުޓްސަލް ކުޅުންތެރިންނަށް މުސާރަ ދެވޭނެ ގޮތެއް ހޯދޭތޯ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރިޔާޒް ފާހަގަކުރެއްވިއެވެ.