ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވަން ތައްޔާރުވެފައިވާ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕް 2024ގެ ގަވާއިދު އިއުލާން ކުރި އިރު، ރިސޯޓުން ބޭރު އެއް ކުޅުންތެރިޔަކު އެކަނި ޓީމެއްގައި ޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.
ގައުމީ ޓީމުގެ ވޮލީބޯޅަ ކުޅުންތެރިންނަށް ގިނަ ފުރުސަތުތައް ދީ، އެ ކުޅުންތެރިންނަށް ވޮލީގެ ތެރެއިން އާމްދަނީއެއް ހޯދޭނެ ގޮތަކަށް ކަންތައްތައް ކުރުމަށް، މީގެ ކުރިން އޮންނަނީ ރިސޯޓް ވޮލީ މުބާރާތުގައިވެސް ވީއޭއެމް އެލީޓް ސްކޮޑުގެ ދެ ކުޅުންތެރިން ކޮންމެ ޓީމެއްގައިވެސް ޖެހޭ ގޮތަށެވެ. އެހެންނަމަވެސް މިފަހަރު އެ އުސޫލު ވަނީ ބަދަލުކޮށްފައެވެ. އެ ބަދަލާއެކު ބައެއް އެލީޓް ކުޅުންތެރިން ދަނީ އެކަމާ ކަންބޮޑުވުންވެސް ފާޅުކުރަމުންނެވެ.
ވީއޭއެމް އިން އާންމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، ރިސޯޓު ޓީމުގައި ހިމެނޭ ރިސޯޓުން ބޭރުގެ ދިވެހި ކުޅުންތެރިޔާއަކީ އެއްބަސްވުމެއްގައި ކުޅޭ ކުޅުންތެރިޔަކަށް ވާންޖެހެއެވެ. އޭގެ އިތުރުން ރިސޯޓުގައި މަސައްކަތްތައް ކުރާ ބިދޭސީ އެއް ކުޅުންތެރިޔަކަށްވެސް ކުޅެވޭނެ ފުރުސަތު ވަނީ ދީފައެވެ. އެއީ މި އަހަރު އެކެއް ޖެނުއަރީ ކުރިން އެ ރިސޯޓުގައި މަސައްކަތް ކުރާ ފަރާތަކަށް ވާންވެސް ލާޒިމުކޮށްފައިވެއެވެ.
މިފަހަރު ރިސޯޓް ލީގުގެ އުސޫލާއި ފޯމެޓް އުކުލަވާލީ ސާވޭއަކަށްފަހުއެވެ. ވީއޭއެމުން އާންމުކޮށް ހިއްސާކޮށްފައިވާ ސާވޭގައި ރިސޯޓުތަކަށް ހާއްސަ ސުވާލުތަކެއް ހިމަނާފައިވެއެވެ. އެގޮތުން ރިސޯޓުތައް ހިމެނޭ ސަރަހައްދާއި އިންޓަ ރިސޯޓް މުބާރާތާ ދޭތެރޭ އެ ރިސޯޓަކުން ދެކޭ ދެކުން ހިއްސާ ކުރަންވެސް ސާވޭގައި ހިމަނާފައިވާ ސުވާލުތަކުގައިވެއެވެ. އޭގެ އިތުރުން މުބާރާތް ބާއްވަން ފެންނަނީ ރިސޯޓްތަކުގައިތޯ ނޫނީ ރަށްރަށުގައިތޯވެސް އޮޅުންފިލުވަން ސާވޭގައި ހިމަނާފައިވާ އިރު، ބޭރު ކުޅުންތެރިން މުބާރަތަށް ގެންނަން ފުރުސަތު ދޭނީ ކޮން އުސޫލަކުންތޯ ބަލަންވެސް ހިޔާލަށް ހުޅުވާލާފައިވެއެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ވީއޭއެމްއާ އަލުން ހަވާލުވެ ކުރައްވަމުން ގެންދަވާ އެންމެ މުހިންމު މަސައްކަތަކީ މުބާރާތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރިފޯމް ކުރުން ކަމަށެވެ.
އެ މަސައްކަތުގެ ދަށުން މުބާރާތްތަކަށް ވޮލީ އާއިލާއާއި ސްޓޭކް ހޯލްޑަރުންގެ ހިޔާލު ހޯދުން އެއީ ކުރާ އެންމެ މުހިންމު މަސައްކަތް ކަމަށް ފާހަގަކުރައްވައި ލަތީފް ވިދާޅުވީ، ރިސޯޓް ލީގުގެ އެންމެ މުހިންމު ސްޓޭކް ހޯލްޑަރަކީ ރިސޯޓުތައް ކަމަށެވެ. އެ ހުރިހާ ރިސޯޓެއް އެއް ފުރާޅެއްގެ ދަށަށް ގެނެސް ހިޔާލު ހޯދުމަކީ އުނދަގޫ ކަމަކަށްވާތީ އެކަމަށް އޮންލައިންކޮށް މަސައްކަތް ކުރަން ވީއޭއެމުން ނިންމާފައިވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.
ރިސޯޓު ލީގު ޒޯނުތަކަށް ބަހާލައިގެން ކުރިއަށްދާއިރު, ޒޯން ޗެމްޕިއަނުން ކުޅޭނީ ރިސޯޓު ޗެމްޕިއަންސް ލީގެވެ. މިދިޔަ އަހަރުގެ ރިސޯޓު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވަނީ ބަނޑޮސް އައިލަންޑް ރިސޯޓުންނެވެ.
މުބާރާތުގައި ޓީމު ބައިވެރިކުރުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރިސޯޓަކަށްވެސް އެބަ އޮތެވެ. އެގޮތުން ބައިވެރިވުމުގެ ޗަންދާއެއްގެ ގޮތުގައި 950 ޑޮލަރު ދައްކަންޖެހެއެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ފަހުން ޓީމެއް ބައިވެރިވާން އެދޭ ނަމަ، ޗަންދާގެ އިތުރުން 250 ޑޮލަރުގެ، ލޭޓް އެންޓްރީ ފީއެއް ދައްކަންޖެހެއެވެ.
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް
ވޮލީ ބޯލް