މިއަހަރުގެ މިހާތަނަށް ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔަ ފަސް "ކާޓަލް" އެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހޯމްލޭންޑް ސެކްޓާއިން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް އަހުމަދު ނާފިޒު ވިދާޅުވީ، ފަސް ކާޓަލްގެ ތެރެއިން ދެ ކާޓަލްއެއް ބަންދުކުރީ މިދިޔަ މަހު ކަމަށެވެ.
ނާފިޒް ވިދާޅުވީ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންތަކުގައި މިއަހަރުގެ މިހާތަނަށް 3،686 މީހުން ބަލައި ފާސްކޮށް، 260 ދިވެހިން އަދި 16 ބިދޭސީން މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މަސްތުގެ ހާލަތުގައި ހުރި 61 ދިވެހިންނާއި 55 ބިދޭސީންވެސް މިއަހަރުގެ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާފިޒް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބަރުދަނަކީ 19،220 ގްރާމް ކަމަށެވެ.
"ބަރުދަނަށް ބަލާނަމަ 19،220 ގްރާމް، އެއީ ގާތްގަނޑަކަށް 19 ކިލޯގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފިން. އޭގެ މަގުމަތީގެ އަގަށް ބަލާ ކަމުގައިވާ ނަމަ އެއީ 104.5 މިލިއަން ރުފިޔާގެ ވެލިއު އެބަހުރި،" ނާފިޒް ވިދާޅުވިއެވެ.
ނާފިޒް އިތުރަށް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 257 މައްސަލައެއް ތަހުގީގުކޮށް 95 މައްސަލައެއް ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު