މިފްކޯ އިން ހިންގާ ކޫއްޑު މަސްފެކްޓްރީން ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ފެނިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ހެޑް އިބްރާހިމް ސައީދު "ވަން" އަށް މިއަދު ވިދާޅުވީ، ކޫއްޑޫ އިން ފައިލޭރިއާގެ ކޭސްތަކެއް ފެނުނީ އެ ކުންފުނީގެ ހުރިހާ ސައިޓުތަކެއްގައި އުޅޭ ބިދޭސީން ފައިލޭރިއާއަށް ޓެސްޓުކުރުމަށް ކުރިއަށް ގެންދިޔަ ސްކްރީނިންގެ ތެރެއިން ކަމަށެވެ.

އެ މީހުންނަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ މުވައްޒަފުންގެ އިރުޝާދާއެކު ބޭސްދީފައިވާއިރު، އެ މީހުންގެ ހާލަތު މިހާރު ރަނގަޅު ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ފުރަމަތަ ކޫއްޑޫގައި 3 މީހަކު ޕޮސިޓިވްވީ އެއީ ނިމިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރެންޑަމް ސާމްޕަލްތައް ނެގި ނެގުމުގައި އެ މީހުން ފައިލޭރިޔާއަށް ޕޮސިޓިވްވެފައިވާކަން ފާހަގަވީ. އެއީ އިންޑިއާގެ ތިން މީހުން" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕޮޒިޓިވްވި ތިން ބިދޭސީންނަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އަދި ފެލިވަރުންވެސް ފައިލޭރިއަށް ޝައްކުކުރެވޭ ބިދޭސީ އެއް ފެނުނު ނަމަވެސް ހެދި ޓެސްޓުތަކުން އޭނާގެ ނަތީޖާ ނެގެޓިވް ކަމަށް ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މިފްކޯ މަސް ފެކްޓްރީތަކުގައި ޖުމުލަ 1095 ބިދޭސީ މުވައްޒަފުން މަސައްކަތްކުރެއެވެ. މިފްކޯގެ ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު:

  • ކޫއްޑޫގައި 395 ބިދޭސީން
  • ފެވިލަވަރުގައި 507 ބިދޭސީން
  • ކަނޑުއޮތްގިރީގައި 73 ބިދޭސީން
  • އައްޑޫ ފިޝަރީޒް ކޮންޕްލެކްސްގައި 120 ބިދޭސީން

ފައިލޭރިއާ އާއްމުކޮށް ފެތުރެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ ޗިކަންގުންޔާ އަދި ޑެންގީހުން ފަތުރާ އީޑީސް މަދިރިއާ ތަފާތު މަދިރިއެކެެވެ. ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ މި ފަހުން ފުރަތަމަ ފެނުނީ 2022 ޑިސެމްބަރު މަހު ކުޅުދުއްފުށި ސިޓީންނެވެ.