ސައުދީ އަރަބިއާގައި ބާއްވާ އޭޝިއަން ކަޕް 2027 ގެ ކޮލިފިކޭޝަންގެ ޕްލޭއޮފް ނުކުޅެ، ފައިނަލް ބުރުގައި ވާދަކުރަން ރާއްޖެއަށް ފުރުސަތު ލިބިއްޖެއެވެ.
ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި ރާއްޖެއިން އެންމެފަހުން ވާދަކުރީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެފަހަރު ދެ ލެގުގެ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ރާއްޖެ ބަންގްލަދޭޝް ކައިރިން ބަލިވިި އިރު، އެ ނަތީޖާއާއެކު ރާއްޖެ ވޯލްޑް ކަޕް ކޮލިފިކޭޝަން ފައިނަލް ބުރަށް ގޮސްފައެއް ނުވެއެވެ. އެހެންވެ، 2027 ގެ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ރާއްޖެ ފަށަން އޮތީ ކޮލިފައިން ޕްލޭ އޮފް ބުރުންނެވެ.
އެހެން އޮތް ނަމަވެސް، ކުރިން ފައިނަލް ބުރުގައި އޮތް ގުއާމާއި ނޮދާން މަރިއާނާ އައިލެންޑްސް ކޮލިފިކޭޝަނުން ވަކިވުމުން އެންމެ ރަނގަޅު ރޭންކިންއެއްގައި އޮތް ރާއްޖެއާއި ބޫޓާން އަދި ލާއޯސްއަށް ވަނީ ފައިނަލް ބުރުން ފުރުސަތު ލިބިފައެވެ.
ރާއްޖެއަށް އެ ފުރުސަތު ލިބުނުކަން އިއުލާނުކުރީ އޭޝިއަން ކަޕްގެ ޕްލޭ އޮފް ގައި ކުޅޭ ހަ ގައުމުގެ މެދުގައި މިއަދު ނެގި ގުރުއަތުލުމުގެ އިވެންޓުގައެވެ. މިއަދު ގުރު ނެގި ޕްލޭ އޮފް މެޗުތަކަށް ބަލާ އިރު، އެ ގުރުގައި ހިމެނުނު މި ސަރަހައްދުގެ ގައުމު ސްރީ ލަންކާ ވާދަކުރަން ޖެހުނީ ކެމްބޯޑިއާއެވެ. ދެން އޮތް ދެ މެޗަށް ބަލާ އިރު، ޓީމޯ-ލެސްޓޭ ވާދަކުރާނީ މޮންގޯލިއާއާ ދެކޮޅަށެވެ. އަދި ބުރުނާއީ ދާރުއްސަލާމް ނުކުންނާނީ މަކާއޯއާ ދެކޮޅަށެވެ. އެ މެޗުތައް އޮންނާނީ ސެޕްޓެމްބަރު މަހުގައެވެ.
އޭގެ ތެރެއިން ތިން ޓީމު ފައިނަލް ބުރަށްދާ އިރު، ރާއްޖެ ހިމެނޭ ފައިނަލް ބުރުގެ ގްރޫޕް ސްޓޭޖުގައި ހިމެނެނީ 24 ޓީމެވެ. ފައިނަލް ބުރުގެ އެ މެޗުތައް އޮންނާނީ ޖޫންގެ އިތުރުން މާޗު އަދި އޮކްޓޯބަރު މަހުގައެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު