ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗު ސައިޑުން 13 ބިމެއް ވިއްކަން އެ ރަށް ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނި ގޮތުގައި ވިއްކާލާ ބިންތަކުގެ ތެރޭގައި ހިމެނެނީ 1،864 އަކަފޫޓާއި 2،408 އަކަފޫޓާ ދެމެދުގެ ބިންތައް ކަމަށެވެ. އަދި ބިންތަކުގެ ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 4,000 ރުފިޔާ ކަމަށާއި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިންނަށާއި ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ކަމަށް ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި ބިން ވިއްކުން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. މިއަދު ހުޅުވާލީ ބިން ވިއްކުމުގެ ދެ މަރުހަލާގެ ތެރެއިން ފުރަތަމަ މަރުހަލާ ކަމަށްވާ ޝައުގުވެރިކަން ފާޅުކުރުމަށެވެ. ދެވަނަ މަރުހަލާގައި އޮންނާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާނަމަ ބިޑު ކުރުމެވެ.

ބިންތައް ގަތުމަށް އެޕްލިކޭޝަން ހުށަހެޅަން ޖެހޭނީ އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ.