ދެކުނު އޭޝިއާ ރީޖަންގެ ޓީޓީ އޮލިމްޕިކް ކޮލިފިކޭޝަންގައި ވާދަކުރުމަށް ރާއްޖޭގެ ހަތަރު އެތުލީޓުން ނޭޕާލަށް ގޮސްފިއެވެ.

އަންގާރަ ދުވަހު ނޭޕާލަށް ދިޔަ ހަތަރު އެތުލީޓުންނަކީ ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި މިޝްކާ މުހައްމަދުގެ އިތުރުން މޫސާ މުންސިފް އަހުމަދު އަދި އަހްޔަރު އަހުމަދު ހާލިދެވެ. މީގެ ކުރިން އާއްމުކޮށް ޓީޓީ ޓީމުގައި ހިމެނޭ އައިޝަތު ރަފާ ނާޒިމް އަދި މުހައްމަދު ޝައްފާން މިފަހަރު ކޮލިފިކޭޝަންގައި ވާދަ ނުކުރާނެއެވެ. ރަފީ މިވަގުތު ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ އިރު، ޝައްފާން ހުރީ އަނިޔާއެއްގައެވެ.

އޮލިމްޕިކް ކޮލިފިކޭޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދެކުނު އޭޝިއާގެ ހުރިހާ ގައުމަކަށްވެސް އާއްމުކޮށް ހުޅުވާލާފައި އޮވެއެވެ. އޮންލައިން ކޮށް ބައިވެރިވުމަށްވެސް ފުރުސަތު ހުޅުވާލާފައިވާ އިރު، މިހާތަނަށް ފިރިހެން ޑިވިޝަނުގައި ވަނީ ނޭޕާލާއި ބަންގްލަދޭޝްގެ އިތުރުން ރާއްޖެ އާއި ސްރީ ލަންކާގެ ކުޅުންތެރިން ބައިވެރިވެފައެވެ. އަދި އަންހެން ޑިވިޝަނުގައި ރާއްޖެ އާއި ނޭޕާލް، ބަންގްލަދޭޝާއި ލަންކާގެ އިތުރުން ޕާކިސްތާނުންވެސް ވަނީ ކުޅުންތެރިން ބައިވެރިވެފައެވެ.

ޕެރިހުގައި މިއަހަރު އޮންނަ އޮލިމްޕިކްސްގައި ވާދަކުރުމަށް ދެކުނު އޭޝިއާގެ ޗެމްޕިއަނަށް ފުރުސަތު ލިބޭ އިރު، ރާއްޖޭގެ ކުޅުންތެރިންނަކީ މި ރީޖަންގައިވެސް ފާހަގަކޮށްލެވޭ ވަރުގަދަ ކުޅުންތެރިންނެވެ. ހާއްސަކޮށް މީގެ ކުރިންވެސް ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުން ރާއްޖޭގެ ޓީޓީ ޓީމުން މެޑަލް ގެނެސްފައިވެއެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކޮލިފިކޭޝަން މެޗުތައް އޮންނާނީ މިމަހުގެ 13 އިން 15 އަށެވެ.