ބ. އެދަފުށީގައި 1000 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކޮންސްޓަކްޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބުދުﷲ މުއްތަލިބެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ސިނޯހައިޑްރޯ ކޯޕަރޭޝަންއާއެވެ.

އޭދަފުށީގައި 1،000 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި މިވަނީ މަޖިލިސް އިންތިހާބުގެ އެމްޕޭނަށް އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގައި ބޮޑު ހައުސިން މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައި ވަނިކޮށެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އޭދަފުއްޓަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ރައީސް ވަނީ އެރަށުގައި ވަރަށް އަވަހަށް 1،000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭދަފުށީގައި 1،000 ހައުސިން ޔުނިޓު ހެދުމުގެ ހެޔޮ ނަތީޖާ އެ ރަށާއި މުޅި ދާއިރާއަށް ލިބިގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ ފައިދާ އޭދަފުށީގެ އިތުރުން، މުޅި ބ. އަތޮޅަށް ވެސް ކުރާނެ ކަމަށާއި އެއީ އެ ދާއިރާއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބޭނެ މަޝްރޫއެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.