ޔޫރަޕްގެ މުބާރާތްކުގައި ޖަރުމަނުގެ ޓީމުތަކުން ވިދާލުން ދޭހަވަނީ ޖަރުމަނު ލީގުގެ ފެންވަރު ކަމަށާއި ނަތީޖާތަކުން ދޭ މެސެޖާ ދެބަސްވެވެން ނޯންނާނެ ކަމަށް ބަޔާން ލެވަކޫސަންގެ ކޯޗު ޒަބީ އެލޯންސޯ ބުނެފިއެވެ.
ކުރިން ޕްރިމިއާ ލީގުގެ ލިވަޕޫލާއި ސްޕެއިންގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކަށްވެސް ކުޅެ އެތައް ކާމިޔާބީތަކެއް ހޯދާފައިވެސް ސްޕެއިންގެ މިޑްފީލްޑަރު އެލޯންސޯއަށް ކޯޗިން ކެރުއަރުގެ ފެށުން ވަނީ ވަރަށް ބޮޑަށް ކާމިޔާބުވެފައެވެ. މި ސީޒަނުގައި ފުޓުބޯޅަ ދުނިޔެ ހައިރާން ކޮށްލައި ލެވަކޫސަންއިން ކުރިއަށް ދަނީ މެޗަކުން ބަލިނުވެއެވެ. އެ ދަތުރުގައި މިހާރު ޖަރުމަނު ލީގު ކާމިޔާބުކޮށް، ޖަރުމަނު ކަޕްގެ ފައިނަލަށް ގޮސް، ޔޫރޮޕާ ލީގުގެ ފައިނަލަށް ދާންވެސް އޮތީ ފުރުސަތު ބޮޑު ކޮށެވެ.
ލެވަކޫސަންއިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި މިރޭ ރޯމާއާ ދެކޮޅަށް ނުކުންނަ އިރު، ފުރަތަމަ ލެގުގައި ލެވަކޫސަން އޮތީ އަމިއްލަ ދަނޑުގައި 2-0 އިން ރޯމާ ބަލިކޮށްފައެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން އެލޯންސޯ ވަނީ ޖަރުމަނުގެ ފުޓުބޯޅައާ ދޭތެރޭ އޭނާގެ ވިސްނުން ހިއްސާ ކޮށްފައެވެ.
އެލޯންސޯ ބުނީ ޖަރުމަނު ލީގުގެ ޓީމުތަކުން ޔޫރަޕްގައި ހޯދާ ކާމިޔާބީން ދޭހަވަނީ ލީގުގެ ވަރުގަދަ ކަން ކަމަށެވެ. ބްރޫޝިއާ ޑޯޓްމަންޑް، 2013 ވަނަ އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވާ އިރު، ބަޔާން މިއުނިކް ކެޓީ ސެމީންނެވެ. އިއްޔެގެ ޕްރީ މެޗު ޕްރެސްގައި އިންގްލެންޑަށްވުރެ ޖަރުމަނު ލީގު ވަރުގަދަ ކަމަށް ފެނޭތޯ އެލޯންސޯ ކުރެން އެހުމުން އޭނާ ބުނީ ތަފާސްހިސާބުން ދައްކަނީ އެ ގޮތަށް ކަމަށާއި އެ ދޮގު ނުކުރެވޭނެ ކަމަށެވެ.
"(އިނގިރޭސިންނަށް) ބުނެވިދާނެ ކޮންމެ ވާހަކައެއްވެސް. އެކަމަކު ނަތީޖާ ވާނީ ނަތީޖާއަށް. އެއީ ހަގީގަތް. އެ އޮޅުވައެއް ނުލެވޭނެ. ތަފާސްހިސާބުތައް އެއީ ގެއްލުވާލެވޭނެ އެއްޗެއް ނޫން. އެހެންވީމާ އެ އަދަދުތަކެއް ދައްކައިދެނީ ޖަރުމަނުގެ ފުޓުބޯޅައިގެ ވަރުގަދަކަން، އެ މަންޒަރު،" އެލޯންސޯ ބުންޏެވެ.
އޭގެފަހުން އެލޯންސޯ މިރޭގެ މެޗަށްވެސް ވާހަކަ ދައްކާފައިވާ އިރު، އޭނާ ބުނީ ރޯމާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ ނަތީޖާއިން އަދި މެޗު ނިންމާލައިގެން ނުވާނެ ކަމަށާއި ދެވަނަ ލެގު ނުރައްކާ ވާނެ ކަމަށެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު