ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެވަނަ ލެގުގައި ހައިރާން ކުރުވަނިވި ގޮތަކަށް ނަތީޖާ އަނބުރާލައިގެން ބަޔާން މިއުނިކް ބަލިކޮށް، ރެއާލް މެޑްރިޑުން އަނެއްކާވެސް ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިހާތަނަށް ރެކޯޑު 14 ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވާ ރެއާލުން އިތުރު ފައިނަލެއް ރޭ ޔަގީންކުރީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފަހު މިނެޓް ކޮޅުގައި ބަޔާން ކޮޅަށް ދެ ގޯލު ޖަހައި، 2-1 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ބަޔާން ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެފައި އޮތުމާއެކު ރެއާލް ފައިނަލަށް ދިޔައީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައިވެސް ނުރައްކާ ކޮށް ބޮޑަށް ފެނުނީ ރެއާލެވެ. ރެއާލްގެ އެޓޭކް ލައިނުން ވިނީޝިއަސް ޖޫނިއާއާއި ރޮޑްރީގޯހެ ހަލުވި ދުވެލި ފެނިގެން ދިޔައެވެ. ވިނީޝިއަސްގެ ހަމަލާއެއް ދަނޑިވެސް ފުރަތަމަ ހާފުގައި އަމާޒުވެފައިވާ އިރު، އެ ބޯޅައިގެ ރީބައުންސްގައި ރޮޑްރީގޯ ފޮނުވާލި ހަމަލާ މަތަކުރީ ބަޔާންގެ ކެޕްޓަން މެނުއަލް ނޯޔާއެވެ.

ފުރަތަމަ ހާފުގައި ބަޔާނުންވެސް އެހާ ބޮޑަށް ފަހަތަށް ޖެހޭކަށް ނުވިސްނަގައެވެ. ސާޖް ގްނަބެރީއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ބަދަލުގައި އަލްފޮންސޯ ޑޭވީސް އަރިމައްޗަށް ކުޅެން ނުކުމެ ރެއާލަށް އުނދަގޫތައް ކުރިމަތިކުރުވި އިރު، ހެރީ ކޭންއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފު ބަޔާނުން ރަނގަޅަށް ފަށައި، 68 ވަނަ މިނެޓުގައި މެޗުގެ ލީޑު ނެގިއެވެ. އަރިމައްޗަށް ދިން ބޯޅައަކުން ޑޭވީސް، ރީތިކޮށް އެތެރެއަށް ނެއްޓި ލާފައި ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ. އެ ހިތްގައިމު ގޯލާއެކު ބަޔާނުން ލީޑު ނަގައި، ދެން ވިސްނީ ޑިފެންސް ކުރުމަށެވެ.

ޑިފެންސިވް ބަދަލުތައް ގެނެސް، މުޅި ޓީމު އެއްކޮށް ފަހަތަށް ޖައްސާލައިގެން ކުޅެނިކޮށް ރެއާލްގެ ޗެމްޕިއަންސް ލީގު ޖާދޫ އެޓީމުން ދައްކާލިއެވެ. 88 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ދުރުން ފޮނުވާލި ހަމަލާ ހިފަން އުޅެނިކޮށް ނޯޔާ އަތުން ބޯޅަ ދޫވެ، ޖޮސެލޫއަށް ލިބުނު ފުރުސަތުގައި އޭނާ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

އެ ގޯލާއެކު ހިތްވަރު ހޯދައި، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ރެއާލް މެޗުގެ ނަތީޖާ އަނބުރާލީ 91 ވަނަ މިނެޓުގައެވެ. އަރިމައްޗަށް އަރައި އެންޓޯނިއޯ ރުޑިގާ ނެގި ހުރަސްވެސް ގޯލަށް ވައްދާލީ ޖޮސެލޫއެވެ.

މެޗުގެ ފަހުވަގުތު ކޮޅު ހޫނުވެގެން ދިޔަ ނަމަވެސް ބަޔާނަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ރެއާލް އަނެއްކާވެސް އިތުރު ފައިނަލެއްގެ ފުރުސަތު ޔަގީންކުރިއެވެ. ސްޕެއިންގެ ތަށިވެސް މި ސީޒަނުގައި ޔަގީންކޮށްފައިވާ ރެއާލުން އިންގްލެންޑްގެ ވެމްބްލީގައި ކުޅޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ނުކުންނާނީ ބްރޫޝިއާ ޑޯޓުމަންޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ޖޫން އެކެއްގައެވެ.