އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
ރޭ ރަށުން ބޭރުގައި ޔުނައިޓެޑް ބަލިވީ 4-9 ގެ ނަތީޖާއަކުންނެވެ. ރޭގެ ބައްޔާއެކު ޔުނައިޓެޑުން ޔޫރަޕްގެ ޖާގައަކަށް ކުރަމުންދާ އުންމީދަށްވަނީ ފަނޑުކަމެއް އައިސްފައެވެ. އެޓީމު މިވަގުތު އަށް ވަނައިގައި އޮތީ 35 މެޗުން 54 ޕޮއިންޓާއެކުގައެވެ. އެއީ ހަތްވަނައަށް ޖެހިލި ޗެލްސީއަށްވެސް ލިބިފައިވާ ޕޮއިންޓްގެ އަދަދެވެ. 35 މެޗުން 54 ޕޮއިންޓް ޗެލްސީއަށް ލިބިފައިވާ އިރު، އެޓީމުން ޔުނައިޓެޑަށްވުރެ ކުރީގައި އޮތީ ފައިދާ 14 ގޯލުގެ ތަފާތުންނެވެ. ޔުނައިޓެޑާއި ޗެލްސީއަށްވެސް ދެން ލީގުގައި ބާކީ އޮތީ ތިން މެޗެވެ.
އެންމެފަހުން ކުޅުނު ހަތް މެޗުން އެންމެ މޮޅެއް ހޯދިފައި އޮތް ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ އެޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއާ ނުލައެވެ. އޭނާގެ ބަދަލުގައި މޭސަން މައުންޓް ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، މައުންޓްގެ އިތުރުން ދެން މެދުތެރެއިން ރޭ ފެނުނީ ކްރިސްޓިއަން އެރިކްސަންއެވެ.
އޭގެ އިތުރުން ޔުނައިޓެޑްގެ ސެންޓަ ބެކުން ރޭ ފެނުނީ ކަސެމީރޯއާއި ޖޮނީ އިވަންސްއެވެ. އެ ދެ ސެންޓަ ބެކުންގެ ފަރާތުން ގޯސްތައް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، ދެ ކުޅުންތެރިންގެ ސްޕީޑް ދަށްތަންކޮޅު މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ.
ޔުނައިޓެޑަށް މެޗުގެ ފެށުންވެސް ގޯސްކޮށް ގޮސްފައިވާ އިރު، 13 ވަނަ މިނެޓުގައި ޕެލެސް ލީޑު ނެގިއެވެ. ކަސެމީރޯ ކައިރިން ނައްޓާލާފައި އޭރިއާ ތެރެއަށް ވަދެ، މައިކަލް އޮލިސޭ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެން ޕެލެސް ލީޑު ނެގި އިރު، އެޓީމުން ހާފު ނިންމާލީ އިތުރު ގޯލެއްވެސް ޖަހައިގެންނެވެ. އެ ގޯލު ޖެހީ ޖިއާން-ފިލިޕް މަޓޭޓާއެވެ.
ޔުނައިޓެޑަށް ފުރަތަމަ ހާފުގައި މާ ބޮޑު ނުރައްކަލެއް އުފެއްދިފައިނުވާ އިރު، ދެވަނަ ހާފުގައިވެސް ވަރުގަދަކޮށް ފެނުނީ ޕެލެސްއިންނެވެ. ޓައިރިކް މިޝެލްގެ ގޯލުން ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ޕެލެސްއިން އިތުރު ގޯލެއް ޖެހި އިރު، އެޓީމުގެ ހަތަރުވަނަ ގޯލު ޖެހީވެސް އޮލީސޭއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު