ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް އާއްމު ކޮށްފައިވާ ލިސްޓަށް ބަދަލު ނުގެނެސް، އެ ލިސްޓްގައިވާ ފަރާތްތަކަށް ފްލެޓް ހަވާލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދޫކުރަން ނިންމި އެފްލެޓްތައް ދޫކުރުމުގެ ކުރިން ވެރިކަން ބަދަލުވުމުން، މިހާރު އޮތް ޑރ. މުހައްމަދު ސަރުކާރުން ވަނީ ފްލެޓްތައް ދޫނުކޮށް ވަނީ ހިފަހައްޓައިފައެވެ. އެއީ ފްލެޓް ލިސްޓުގައި މައްސަލަތަކެއް އުޅޭތީ ކަމަށް ބުނެއެވެ.
އެ މައްސަލަ އޭސީސީން ބެލުމަށްފަހު އެކަމުގައި ހުރި މައްސަލަތައް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ. ނަަމަވެސް ފްލެޓް ދޫކުރުމުގެ ބަދަލުގައި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް "ހައުސިން ކޮމިޓީ"ގެ ނަމުގައި ސަރުކާރުން ކޮމިޓީއެއް އުފެއްދިއެވެ. މިހާރު އެ މައްސަލަ އޮތީ އެ ކޮމިޓީގައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާއްމު ފަރާތްތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތައް ހަވާލުކުރުން ލަސްވާ ކަމަށް ފާހަގަކޮށް އެ މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހަހެޅީ އާއްމު ފަރާތްތަކަކުންނެވެ.
އެކަމާ ގުޅިގެން މައްސަލަ ދިރާސާ ކުރުމަށްޓަކައި، ކުރީ ސަރުކާރުން އެ ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި އޭރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކްޓިވް ޑިރެކްޓާ މުހައްމަދު އާރިފްގެ އިތުރުން މިހާރުގެ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރިއެވެ.
އެ ދިރާސާއަށްފަހު ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ވަނީ، ލިސްޓަށް އުނި އިތުރެއް ނުގެނެސް ފްލެޓަށް ހޮވިފައިވާ ފަރާތްތަކަށް ވީ އެންމެ އަވަހަަކަށް ފްލެޓް ދޫކުރުމަށް ސަރުކާރަށް ހުށަހަޅައިފައެވެ. އަދި އެއީ ވަރަށް ގިނަ ބައެއްގެ ހައްގުތަކާ ގުޅިފައިވާ ކަމަކަށްވީތީ ފްލެޓް ލިބޭނެ ފަރާތްތަކުގެ ނަންތައް އާއްމުކޮށްފައިވާތާ ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، އެ ފްލެޓްތަކުގެ ހައްގުވެރިންނަށް ލަސްނުކޮށް ހަވާލު ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
ކޮމިޓީ ހުށަހެޅި ގޮތަށް ކަންތައް ސަރުކާރުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން 29 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު